
ގދ. ތިނަދޫ، ގާކުރެލި، އިބްރާހީމް ރަޝީދު އަކީ ކުރީގެ މެޖިސްޓްރޭޓެކެވެ. އޭނާގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ހުށަހެޅީ 13 އޮގަސްޓު 2017 ގައެވެ.
އެއީ، 28 މޭ 2016 ދުވަހު 00:49 އެހައިކަށްހައިއިރު، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، އޭނާ އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް ދަނިކޮށް ފުލުހުން މީނާ ހުއްޓުވި ވަގުތު، އޭނާގެ ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދައްކާތީ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނުއިރު އިބްރާހީމް ރަޝީދު ހުރީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައެވެ.
ދައުލަތުން ދައުވާ ކުރި މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 23 އޮގަސްޓު 2023 ގައެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމަކީ، އިބްރާހީމް ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25000ރުފިޔާއިން ޖޫރިމަނާކުރުމެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިބްރާހީމް ރަޝީދުއެވެ.
އިބްރާހީމް ރަޝީދުގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލަ ހައިކޯޓުން އާދިއްތަ ދުވަހު ނިންމީ،ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. މި މައްސަލަ ނިންމީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.