
މިނިސްޓަރު މިފަދައިން ވިދާޅުވީ ތުރުކީވިލާތުގެ އިސްތަންބޫލްގައި މިމަހުގެ 27 އިން 29 އަށް ކުރިއަށްދާ "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025" ގައިި "މެރިޓައިމް ކަނެކްޓިވިޓީ ފޯ އައިލެންޑް އެންޑް ކޯސްޓަލް ނޭޝަންސް: ޝެއާޑް އޮޕަޗުނިޓީސް، ޑިސްޓިންކްޓް ޗެލެންޖަސް" މި ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓާގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ.
މި ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އަމީން ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދެއްކެވި އެވެ.
މިނިސްޓަރު އަމީން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކަނޑުގެ ދަތުރުފަތުރުގެ ގުޅުން މުހިންމުވާ މިންވަރާއި، ބައިނަލްއަގުވާމީ އެހީތެރިކަން ކޮންމެހެން ބޭނުންވާ ދާއިރާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭފަދަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ އެހީތެރިކަން ހިމެނެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.