
އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ރޭ ބޭއްވި ތަމްރީން ބައްދަލުވުމެއްގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ޖިއްދާ އެއާޕޯޓުން ސައުދީ ސަރުކާރުން އިސްތިގުބާލު ކުރައްވާނެއެވެ. އަދި ހައްޖާޖީން އިމިގްރޭޝަންގެ ކަންކަމާއި ފޮށިތައް ނެގުމަށް އެއާޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް ފަށައި ދިވެހި ހައްޖާޖީންގެ ފުރަތަމަ ފުލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ހައްޖާޖީންގެ ކަންކަން ފަސޭހަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ހައްޖާޖީންނަށް ހާލަތެއް ދިމާވެއްޖެނަމަ ސަރުކާރުން އެހީތެރިވާނެ ކަމަށެވެ. މީގެއިތުރުން، ސައުދީ އަރަބިއާގެ ސަރުކާރުން ކުރިއަށްގެންދާ މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ރާއްޖޭގެ ހައްޖުގެ ތާރީހުގައި އަންނަ އެންމެ ފަސޭހަ ކަންތައް ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.