ads
ރައުދު އަހުމަދު ޒިލާލް
ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވައިފި
އޭޕްރިލް 18، ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
Advertisement

އެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައުދުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ރައުދު މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަސް ދުވަހަށް ބަންދުގަ އެވެ. އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރުކޮށް ދޫކޮށްލި އެވެ. ދޫކޮށްލި ދުވަހު އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރި އެވެ.

ފުލުހުން ބުނެފައިވަނީ ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެ އެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެ އެވެ.

ޔުމްނު ހޭއެރި ފަހުން ހާދިސާ ހިނގި ގޮތް އާއިލާއަށް ކިޔައިދިން ކަމަށް ބުނެ އާއިލާއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔުމްނުއާ ހަވާލާދީ އޭނާ އަމިއްލައަށް ނުވެއްޓޭ ކަމަށް ބުންޏެވެ. އަދި ވެއްޓުނުއިރު ރައުދުގެ އިތުރުން ވެސް ބަޔަކު ތިބި ކަމަށް ތުހުމަތުކުރި އެވެ.

ނަމަވެސް ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުންނަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެހެންވެ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް