
ޝަހްސުއޮޅުވާލައި، އަންހެނަކަށް ހެދިގެން ފޮތްފޮށިގަނޑެއް ތެރޭ ޑްރަގް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުވާ މައްސަލައެއިގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މިނިވަންކޮށްފައި ހުރި މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިދިޔަ ހަފްތާގައި އޮތީ ކަނޑައަޅާފައެވެ. އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރީ މިއަދުއެވެ.
މިއީ، އަންހެނަކަށް ވެގެން، ސ. ހިތަދޫ، ދުގެތިމާގެ، އަލީ އަކްބަރު ހަސަން 198 ގްރާމްގެ ޑްރަގް އެތެރެކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި މައްސަލައެވެ. އޭނާ އަތުލައިގަތީ ހަލީމަތު އުލްފާ ކިޔާ އަންހެނެއް ކަމަށް ހެދިގެން، ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ޝައްކުކުރެވޭ އެއްޗެއްހުރިކަން ކަސްޓަމަށް ފާހަގަވުމުން، އެކަން ފުލުހުންނަށް އެންގުމަށްފަހު ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިންނެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅީ މަސްތުވާތަކެތީގެ ގާނޫނާ ހިލާފަށް، ޑްރަގް ކަމަށް ޝައްކުކުރެވޭ ޕާރުސަލް ކެނޑުމަށްފަހު، އެތަކެތި ފުލުހާ ހަވާލުނުކޮށް، އެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރުމުންނެވެ. މި ހުކުމް ކްރިމިނަލް ކޯޓުން ކުރީ 2022 ވަނަ އަހަރުގެ ކުރީކޮޅުއެވެ.
"މި މައްސަލާގައި ފެނިފައިވާ ތަކެތި ފަސޭހައިން އެއް ތަނަށް އަނެއް ތަނަށް ގެންދެވޭފަދަ ގޮތަކަށް އޮތްއިރުވެސް، އެތަކެތި 04 މާރިޗު 2021 ވަނަ ދުވަހުން ފެށިގެން 09 މާރިޗު 2021 ވަނަ ދުވަހާ ހަމައަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރީ،" އެއީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ގާޒީ މުހައްމަދު މިސްބާހު ކުރި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
އެ މައްސަލައިގައި ދަށު ކޯޓުން ކުށް ސާބިތު ނުވުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން މިދިޔަ އަންގާރަ ދުވަހުވަނީ މައްސަލަ ސާބިތުވާ ކަމަށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައެވެ.
އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 އިން ޖޫރިމަނާ ކުރަން ނިންމީ މިއަދުއެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައިގައެވެ. އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ކުށްވެސް ސާބިތުވެ މިއަދު ހުކުމް ކުރިއެވެ.