
އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން އެޕްލިކޭޝަން ހޯމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުރި އަލީ ސުޖާއު މިދިޔަ މަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ސުޖާއު އިސްތިއުފާ ދިނީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ޕޮލިސް ކޮމިޝަނަރު އައްޔަންކުރާނީ ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސްއެވެ.
ސުޖާއު އިސްތިއުފާ ދިނުމާ ގުޅިގެން އެ މަގާމު ވަގުތީގޮތުން ފުރަތަމަ ހަވާލުކުރެވުނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއެވެ. ނަމަވެސް އެއަށްފަހު ހޯމް މިނިސްޓްރީން އެ ނިންމުން ބަދަލުކޮށް، މިހާރު ވަގުތީގޮތުން އެ މަގާމު ހަވާލުކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީންއާއެވެ.