
މި މޭމަހުގެ 15 ވަނަ ދުވަހު މަޖިލީހުން ފާސްކުރި މި ބިލު މިހާރު ގާނޫނަކަށް ވެފައިވީނަމަވެސް، އަމަލުކުރަން ފަށާނީ 90 ދުވަސް ފަހުންނެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނާގުޅޭ ހިންގުމުގެ އޮނިގަނޑު ގާއިމުކޮށްދޭ ގާނޫނެކެވެ. ނަމަވެސް، މި ގާނޫނު ތަސްދީގުކުރެއްވުމަށްފަހު، ސަރުކާރުން ވަނީ މި ގާނޫނަށް ބައެއް އިސްލާހުތަކެއް ގެނައުމަށް ނިންމަވާފައެވެ. މި އިސްލާހުތައް ޖޫން މަހު ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ހުށަހަޅުއްވާނެކަމަށް ވަނީ ހާމަކުރައްވާފައެވެ.
ގެންނަން ނިންމާފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީސް އެކުލެވިގެންވާ ގޮތާއި އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ބަދަލުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސް އޮފީހުގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި މުސްކުޅިކުރުމުގެ އުސޫލުތައް ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅުމަށްވެސް ހުށަހަޅާނެކަމަށް ވަނީ ހާމަކުރައްވާފައެވެ.