
މިއަހަރުގެ ބޮޑު އީދު ދުވަހުގެ މުނާސަބަތުގައި އިތުރު ދުވަސްތަކެއް ބަންދު ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ހައްޖު ދުވަހާއި އަޝްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.
ރައްޔިތުންނާއި އެކު ނަމުގައި ގެނެސްދޭ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިީދު ބަންދާއި ގުޅިގެން ދެން އަންނަ ތިން ދުވަސް ބަންދުކުރަން ވަރަށް ގިނަ ބަޔަކު އުއްމީދުކުރާކަމަށެވެ. އެހެންނަމަވެސް އެ ތިން ދުވަސް ބަންދުކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.
ކަލަންޑަރުގައި ވާގޮތުން އީދު ދުވަހާއި ގުޅިގެން ބަންދު ކަމުގައި ކަނޑައަޅާފައިވަނީ ޖޫން 6، 7، 8 އަދި 9 ވަނަ ދުވަހެވެ. އެއީ ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހެކެވެ. އެއާ ވިދިގެން އަންނަ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަސް ތަކެވެ.