
ބޭންކު ލޯނު ނުލިބޭ ނުވަތަ ހަދަން ފައިސާ ނުލިބޭގޮތަށް ހަނި ގޯޅިތަކުގައި ހުންނަ ގެތަކަށް މާލޭގެ އެހެން ސަރަހައްދުތަކުން ގޯތި ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައިދެކެވެ.
ގައުމީ ޓީވީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދާއި އެއްގޮތަށް ހަނި ގޯޅިތަކުގައި ހުންނަ ގެތައް ސަރުކާރަށް ދޫކޮށްލާ ފަރާތްތްކަށް އެހެން ސަރަހައްދުތަކުން ބިން ދިނުމަށް ސަރުކާރުން ރާވާފައިވާ ޕްލޭން މި އަހަރު ހިންގަން ފައްޓަވާނެކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގައި ހަނި ގޯޅިތަކާއި މަގުތަކުގައި ހުންނަ ގެތައް ސަރުކާރަށް ދޫކޮށްލާ ނަމަ އެ ފަރާތްތަކަށް ލާ ޖައްސައިގެން އެހެން ސަރަހައްދަކުން ދޭނީ ހަމަ ސައިޒުގެ ގޯއްޗެއްކަމަށެވެ. އަދި މިގޮތަށް ގޯތި ދޭނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލެ ހިމެނޭހެން، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ހިއްކާ ސަރަހައްދުތަކުންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިގޮތަށް ދޫކޮށްލާ ގޯތިތައް ސަރުކާރަށް ނެގުމަށްފަހު، އެ ސަރަހައްދުތައް ބޭނުންކުރާނީ މާލޭގައި ޕާކާއި ގްރީން ސްޕޭސް އިތުރުކޮށް، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ގެންގުޅޭ ޕްލޭންގެ ދަށުން އެކަމަށްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދުވެސް ވަނީ 2010 ވަނަ އަހަރުގެ ތެރޭގައި "ވެށިފަހި މާލެ"ގެ ނަމުގައި މިފަދަ ޕްރޮގްރާމެއް ފަށާ ބައެއް ފަރާތްތަކަށް ހުޅޫމާލެއިން ވަނީ ގޯތި ދޫކޮށްފައެވެ. އަދި ގޯތި ދޫކޮށްލި މީހުންނަށް މާލޭގައި ހެދި ފްލެޓްތަަކުން ޖާގަ ދޭންވެސް ނިންމިއެވެ، އެހެންނަމަވެސް ފްލެޓް ލިބުނު މީހުންނަށް ލިޔުން ދޫކުރި ނަމަވެސް ޖެހިގެން އައި ރައީސް ޔާމީން ސަރުކާރުގައި އެމީހުންނަށް ފްލެޓް ދޫކޮށްފައެއް ނުވެއެވެ.