
ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000 ރުފިޔާގެ ބަދަލުގައި އެ އަދަދު 2،000 ރުފިޔާއަށްް ބޮޑުކޮށް އެކަން މިދިޔަ ބުދަދުވަހުގެ ރޭ ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވާފައެވެ.
އެ ނިންމުމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗުން ނަމްބަރު އައިނުގެ ވިޔަފާރި ކުރަން ނިންމީ އައިނަށް އާސަންދައިން ކުރާ ހޭދަ ބޮޑުކުރުންކުރުމުން ޕްރައިވެޓް ސެކްޓަރުން އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނުދެއްވުމަށްކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގައިވެސް އެ ހިދުމަތްދޭނެކަމަށެވެ. އަދި މިކަން ކުރުމުން އަމިއްލަ ވިޔަފާރިވެރިން ކިތަންމެ ހިތްހަމަ ނުޖެހުނަސް އެއްވެސް މައްސަލައެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ދުންފަތް ބޭނުންކުރުމުގައި ހަރުކަށި ފިޔަވަޅު އެޅުއްވީ ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ގެއްލުން ހުއްޓުވުމަށް ކަމަށެވެ.