
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ހިދުމަތްތައް ހިމެނޭގޮތުން، މާލީ ހިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމަށްކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ.
"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 100،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ އެއް ބިލިޔަން ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްހު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީގޮތުން އަމިއްލަ ޝަހްސެއްކަމަށް ރައީސްގެ ގަރާރުގައިވެއެވެ.