
ބޭންކިން ލައިސަންސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ހުއްދައެއް ކަމަށާއި، އޭގެ ފަހުން ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމުން ލައިސަންސް ދޫކުރާނީ އެމްއެމްއޭގެ ބޯޑުން ކަމަށް މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ބޭންކު ލައިސަންސް ދޫކުރުމުގައި އެމްއެމްއޭ އިން އަމަލުކުރަނީ ތިން މަރުހަލާއަކަށް ކަމަށް ބުނެފައިވެއެވެ. މި މަރުހަލާތަކުގެ ތެރޭގައި ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމާއި، ލައިސަންސް ދިނުން ހިމެނެއެވެ. ހުށަހެޅުން ވަޒަންކުރުމުގައި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމާއި، ހިއްސާދާރުންނާއި ސީނިއާ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕާ އާއި، ހުށަހަޅާފައިވާ ވިޔަފާރި ޕްލޭން ބަލާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މިދިޔަ މެއި މަހު ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް އެމްއެމްއޭ އިން ވަނީ ދެ ފަރާތަކަށް ހުއްދަ ދީފައެވެ. އެއީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއެވެ. ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައިވެސް ގާއިމްކުރުމަކީ އެމްއެމްއޭ އިން އެންމެ އިސް އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.