
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ސަރުކާރުން ފުރަތަމަ ދިން ތާރީހަކީ މިއަހަރުގެ މާރިޗުމަހުއެވެ.
އެހެންނަމަވެސް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ފަށަން ދިން ތާރީހަށް ވުރެ އެ ހިދުމަތް ނުފެށި ލަސްވަނީ، އެ މަސައްކަތް ކުރަން ބޭނުންވާ ގޮތަށް ބަދަލުތަކެއް ގެންނާތީ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ މިދިޔަ އޭޕްރިލްމަހު ވިދާޅުވެއެވެ.
މީޑިއާގައި ވަހަކަ ދައްކަވަމުން މިނިސްޓަރު އަމީން މިއަދު ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް މިއަހަރު ނިމޭ ހިސާބަށް ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ހިދުމަތް ފަށަން ކުރަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ފުރިހަމަ ކުރަމުން އަންނަކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި ޓޫރިސްޓުން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭން ފަށަން ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުއެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނީ އެއް ރަށުން އަނެއް ރަށަށް ނުވަތަ ރަށަކުން މާލެއަށް ބަލި މީހުން ގެނައުމުގެ ކަންކަމާއި ރޭގަނޑު ޓޫރިސްޓުން އުފުލުމަށް ހުރި ދަތިތަކަށް ވެސް ހައްލެއް ލިބޭ ގޮތަށްކަމަށް މިނިސްޓަރު އަމީން ކުރިން ވަނީ ވިދާޅުވެފައެވެ.