
މިއީ ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިން ދެވަނަ މަޝްރޫއުގެ ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.
އެގްރިކަލްޗާ މިނިސްޓަރު މާރިޔާ ވިދާޅުވީ އާބަން ފާމިން މަޝްރޫއުގެ ދަށުން 84 ދަނޑުވެރިޔަކަށް 28 ޕްލޮޓެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ މީހުންގެ އުފެއްދުންތައް ވިއްކޭނެ ފުރުސަތުތައް ވެސް ފަހިކޮށްދީފައިވާ ކަމަށެވެ.
މިއަދު އިފްތިތާހުކުރި މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ބިމެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމަށް އެ ބިންތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ވެސް ހަދާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
މި މަޝްރޫއު އިފުތިތާހު ކުރީ 2021ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހުޅުމާލޭ ނެއިބާހުޑް ތިނަކުން 16 ބިމެއް ދަނޑުވެރިކަން ކުރަން ކުއްޔަށް ދޫކޮށްފައިވެ އެވެ.
މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިންގް ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އާމްދަނީ ހޯދޭނެ މަގުފަހިކޮށްދިނުމެވެ.