
ޗައިނާގެ ހޮންކޮންގުގެ ބައެއް ނޫސްތަކުގައި ބުނީ 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާގެ ބޮޑު ސްކޭމެއް ހުއްޓުވީ ރާއްޖޭގެ އިތުރުން ހޮންކޮންގާއި ސިންގަޕޫރާއި ސައުތު ކޮރެއާ އާއި ތައިލެންޑާއި މެލޭޝިޔާ އަދި މަކައުގެ ފުލުހުންގެ އިދާރާގެ ބައިވެރިވުމާއެކު ކަމަށެވެ.
އެ ތުހުމަތުތަކުގައި 14-81 އަހަރާ ދެމެދުގެ 1،858 މީހުން ހައްޔަރުކޮށް 32،000 އަށްވުރެ ގިނަ ބޭންކު އެކައުންޓު ފްރީޒްކޮށްފައިވެ އެވެ. އޭގައި ދިވެހިން ހިމެނޭކަމެއް އަދި ޔަގީނެއް ނޫނެވެ.
އެ މީހުން ސްކޭމް ހިންގާފައިވަނީ އޮންލައިން ޝޮޕިން އާއި ފޯނާއި އިންވެސްޓްމަންޓާއި އޮޅުވާލައިގެން ވަޒީފާ ހޯދުމާއި ދިނުމުގެ ކަންކަމުގަ އެވެ.
އޮޕަރޭޝަނަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް، ހޮންގް ކޮންގް ފުލުހުން ބުނީ ހުރިހާ ގައުމެއްގައި ވެސް މިފަދަ ސްކޭމްތައް ހިންގަނީ ވަރަށް އެއްގޮތަކަށްކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ. މިސާލަކަށް ކަސްޓަމާ ސާވިސް އެޖެންޓުންގެ ގޮތުގައި ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދުމަކީ ވަރަށް އާއްމުވެފައިވާ ކަމެއްކަން ފާހަގަކުރި އެވެ.
ސްކޭމް ކުރުމުގެ މައްސަލައަކީ ރާއްޖޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން، މަކަރާއި ހީލަތް ހަދައިގެން ހިންގި ސްކޭމްތަކުގައި މިދިޔަ ދެމަހެއްހާ ދުވަހުގެތެރޭ އެކަނިވެސް 2.5 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.