
މި މަޝްރޫއަކީ މާލެ ސިޓީ ފަދަ ޖާގައިގެ ދަތިކަން ހުރި ތަންތަނުގައިވެސް ގަސްހެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ މަޝްރޫއެކެވެ.
އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މާލެ ސިޓީ ފަދަ ތަންތަނުގައި އުޅޭ ގަސްހައްދާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ފަންނީ މައުލޫމާތު ނެތުމާއި މާކެޓް ކުރުމުގެ މަގުތައް ފަހިވެފައި ނެތުން ހިމެނޭ ކަމަށެވެ. މިގޮތުން އެއްބައި މީހުން ގަސްހައްދަނީ ހިތްހަމަޖެހުމަށް ކަމަށާއި އަނެއްބައި މީހުން ނަފާ ހޯދުމަށް ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ދަނޑުވެރިންނަށް ވިއްކުމުގެ ސްޓްރެޓެޖީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ގަންނަ ފަރާތްތަކާ ގުޅުވައިދޭނެ ހާއްސަ ޕްލެޓްފޯމެއް އުފައްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޝަހަރީ ދިރިއުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށާއި، ލިބެންހުރި ޖާގަތައް އުފެއްދުންތެރިކަމާއެކު ބޭނުންކުރާތަން ފެނުމަކީ ހިތްވަރުލިބޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.