
މިއީ ފާއިތުވީ 6 އަހަރު ދުވަހުގެ ތެރޭގައި މި މުއްދަތުގައި ލިބިފައިވާ އެންމެ ބޮޑު އާމްދަނީއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ 4 މަސްދުވަހާ އަޅާބަލާއިރު 16.5 ޕަސަންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 34.1 މިލިޔަން ރުފިޔާއެވެ.
ފާއިތުވި 6 އަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ލިބިފައިވަނީ 23.2 މިލިޔަން ރުފިޔާއެވެ. 2020 ވަނަ އަހަރު ލިބިފައިވަނީ 15.2 މިލިޔަން ރުފިޔާ، 2021 ވަނަ އަހަރު 21.3 މިލިޔަން ރުފިޔާ، 2022 ވަނަ އަހަރު 29 މިލިޔަން ރުފިޔާ އަދި 2023 ވަނަ އަހަރު 34.1 މިލިޔަން ރުފިޔާއެވެ. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި ޓޫރިސްޓުން އައި އަދަދު އިތުރުވުމާއެކު ޓޫރިޒަމުން ލިބުނު ޓެކްސް އާމްދަނީވެސް ވަނީ އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 29.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.8 ޕަސަންޓުގެ އިތުރުވުމެކެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 19.8 ޕަސަންޓުގެ އިތުރުވުމެކެވެ. އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނީ 2.6 މިލިޔަން ރުފިޔާއެވެ. މިއީ 77.1 ޕަސަންޓުގެ އިތުރުވުމެއްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.