
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.8 ޕަސަންޓުގެ އިތުރުވުމެކެވެ. ޓެކްސް އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު އިތުރުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ދައުލަތަށް ލިބުނު ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި ކަމަށްވާއިރު، އެއީ 9.9 މިލިޔަން ރުފިޔާއެވެ. އޭގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 4.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 4 މިލިޔަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 2 މިލިޔަން ރުފިޔާ ވެސް ދައުލަތަށް ލިބިފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.
ފާއިތުވި 6 އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ޖުމްލަ 39.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.9 މިލިޔަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 77.1 ޕަސަންޓު އިތުރު އަދަދެކެވެ.