
މިއަހަރުގެ ހައްޖު ހުތުބާ ދެއްވީ ޝެއިހް ސަލާހް އަލް ހުމައިދު އެވެ. ހަމްދު ސަލާވަތަށް ފަހު ހުތުބާ ފެއްޓެވުމަށްފަހު، ހެޔޮ ނިޔަތަކާއެކު މާތްﷲ އަށް ތަގުވާވެރިވުމަށް އިސްލާމީ އުންމަތައް ގޮވާލެއްވި އެވެ. އަދި އިސްލާމީ އުންމަތައް ދީނުގެ އަސާސްތައް ހަނދާންކޮށްދެއްވި އެވެ.
މީސްތަކުންގެ މެދުގައި ބައިބައިވުން ނުބޭއްވުމަށާއި ރުޅިވެރިކަން އޮތް މީހުންނަށް ވެސް ހެޔޮ ބަދަލެއްގެ ގޮތުން ނޫނީ ރައްދު ނުދިނުމަށް ހުތުބާގައި މިއަދު ގޮވައިލެއްވި އެވެ. އަދި އެކަމަކީ ރުޅިވެރިކަން ފިލައިގޮސް އެކުވެރި ވެވޭނެ ސަބަބެއް ކަމުގައި ބުނެދެއްވި އެވެ.
އިމާންތެރިކަން އިސްކޮށްފި ނަމަ ބޭއިންސާފާއި ޝިރުކުން ސަލާމަތްވާނެ ކަމަށާއި އެފަދަ މީހުންނަކީ ސީދާ ތެދުމަގާއި ﷲ ގެ ރައްކާތެރިކަން ލިބިގެންވާ މީހުން ކަމަށް ޝައިހު ވިދާޅުވި އެވެ.
މާތް ﷲ އަޅުކަން ކުރާ ވަގުތު، އެމީހެއްގެ އަމަލުތައް ބައްލަވާ ވޮޑިގެންވާކަން ހަނދާންކޮށް ﷲއަށް ބިރުވެތިވާ ހާލު ނަމާދުކުރުމަށާއި، ނަމާދަށް މިސްކިތުގެ ޖަމާއަތުގައި ބައިވެރިވުމަކީ އެކުވެރިކަމާއި މުޖުތަމައުގެ ބަދަހިކަން އާލާވާ ކަމެއްކަން ވެސް ހުތުބާގައި ފާހަގަކުރެއްވި އެވެ.
މި ދުވަހަކީ (އެބަހީ، ހައްޖު ދުވަހަކީ) ބަރަކާތްތެރި ދުވަހެއް ކަމާއި އެންމެ ގިނަ މީހުން ނަރަކައިން ސަލާމަތް ކުރައްވާ ދުވަހަކީ ވެސް މިއީ ކަމަށް ހުތުބާގައި ބުނެދެއްވި އެވެ. އެއަށްފަހު ވިދާޅުވީ މަލާއިކަތުންނާ މުހާތަބުކުރައްވައި ފަހުރުވެރިކަމާ އެކު ﷲ ތައާލާ މަލާއިކަތުންނަށް ދަންނަވާ ދެންނެވުމެއްގެ ވާހަކަ އެވެ. އަރަފާތަށް އެއްވެތިބި މީހުން އެ އިލާހަށް ކުއްތަންވެ، އަޅުވެތިވެ، ކިޔަމަންތެރިކަމާ އެކު ތިބޭތިބުން މަލާއިކަތުންނަށް ދައްކަވައި އެކަމުގެ ފަހުރު ﷲ ލިބިގަންނަވަމުން ވަހީކުރައްވާ ވާހަކަފުޅުތަކެވެ.
މީގެ އިތުރުން ގާޒާގައި ހިނގަމުންދާ ގުތުލުއާންމުތަކުގައި ޝަހީދުވެފައިވާ މީހުންނާއި، އެރަށުގެ ރައްޔިތުންނަށް ރަހުމަތްލައްވާ ކަންކަން ލުއިކޮށްދެއްވުމާއެކު އަދުއްވުންގެ ނުރައްކަލުންނާއި، އެމީހުންގެ ކިބައިން އަމާންކަން ދެއްވުމަށް މިއަދުގެ ހުތުބާގައި ދުއާ ދެންނެވި އެވެ.
ދެން ހައްޖުހުތުބާގައި ދުއާކުރެއްވި އެވެ.
ހުރިހާ ހައްޖާޖީންނަށާއި އެބައިމީހުންގެ އާއިލާތަކެށެވެ. މުޖުތަމައުތަކަށާއި ގައުމުގައުމަށެވެ. އަދި މުޅި އުންމަތަށް ހެޔޮދުއާކޮށްދެއްވި އެވެ. މުސްލިމް އުންމަތަށް ރައްކާތެރިކަން ދެއްވުންއެދި ދުޢާތަކުރާރުކުރެއްވި އެވެ. އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ނިކަމެތި ހާލުން ސަލާމަތްކޮށްދެއްވުންއެދި ދުއާކުރެއްވި އެވެ. ޔަހޫދީން ނިކަމެތި ކުރެއްވުމަށާއި އެބައިމީހުންގެ ބާރުކެނޑުއްވުމަށް ވެސް ދުއާ ކުރެއްވި އެވެ. އެ ވަގުތު ހައްޖާޖީން އާމީން ކިޔަމުންދިޔަ އަޑު ވަރަށް ބާރަށް އިވުނެވެ.
އަދި، މާތް ﷲގެ އެންމެހާ އެންގުންތަކަށް ކިޔަމަންވުމަށާއި، ކަމަކާމެދު ހިލާފުވާ ހާލަތުގައި އަމަލުކުރަން ޖެހޭނެ ގޮތަކީ ރަސޫލާ އެކަމެއް ކުރުމަށް އަންގަވާފައިވާ ގޮތެއްގެ މަތިން ކަމަށް ވެސް ހުތުބާގައި ފާހަގަކުރެއްވި އެވެ.
އަރަފާތު ފަރުބަދައިގައި ހާޖީން ހައްޖު ހުތުބާ އަޑުއެހުން --
ހައްޖަތުލް ހުތުބާއަށްފަހު، މެންދުރު އަދި އަސުރު ނަމާދު ގަސްރުކޮށް ޖަމައުކޮށް ކުރާނެ އެވެ. އެޔަށްފަހު އިރުއޮއްސެންދެން ހައްޖުވެރިން އަރަފާތުގައި ދެމިތިބޭނީ ދުއާކުރުމާއި، ޒިކުރުކުރުންފަދަ އަޅުކަންތަކުގަ އެވެ. އިރުއޮއްސުމަށްފަހު، މުޒުދަލިފާއަށް ދިއުމަށް ހައްޖުވެރިން އަރަފާތު ބިމުން ނިކުންނަން ފަށާނެ އެވެ.
ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު މި އަޅުކަމަށް މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ މީހުން މައްކާ އަށް ދިޔަ އެވެ. މިއަހަރު ރާއްޖެއިން 1000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ ނެވެ.