
ދައުލަތުގެ މީޑިއާއަށް މެދުވެރިކުރައްވައި މިނިސްޓަރު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އަތޮޅުތަކަށް ޑައިލިސިސްގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިހާރު ޑައިލިސިސް ހިދުމަތް ނުފެށި ވަނީ އއ، އދ، ވ، ފ އަދި ދ އަތޮޅުގައި ކަމަށް ހެލްތު މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ސެޕްޓެމްބަރު މަހާ ހަމައަށް ކޮންމެ އަތޮޅަކުންވެސް ޑައިލިސިސްގެ ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑައިލިސިސް ހަދަންޖެހޭ މީހުން ގިނަ ރަށްރަށަށް އަމާޒުކޮށްގެން މި ހިދުމަތް ފުޅާކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150 އަށް ވުރެ ގިނަ މީހުން ތިބިއިރު، އަތޮޅުތަކުގައިވެސް ގިނަ ބަޔަކު އުޅޭއެވެ.
ރާއްޖޭގައި ކިޑްނީ ބަލި އިތުރުވަމުންދާތީ، އައިޖީއެމްއެޗުގައި ވަނީ އެކަމަށް ހާއްސަ ސެންޓަރެއް ގާއިމްކޮށްފައެވެ. ޑައިލިސިސްގެ ހިދުމަތަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށް މީހުންނަށް ކޮންމެ ހަފްތާއަކު ދޭއް ނުވަތަ ތިން ދުވަހު ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކުރުމަށް ފޯރުކޮށްދޭ ހިދުމަތެކެވެ.