
ރާއްޖެ އިން މި ފަހަރު ހައްޖަށް ގެންދިޔަ މީހުންނަށް ސައޫދީ ސަރުކާރުން ހާއްސަ އިންތިޒާމުތަކެއް ވަނީ ހަޖަމައްސައި ދީފައި ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކީ "މައްކާ ރޫޓް އިނިޝިއޭޓިވް" ގައި މި ފަހަރު ރާއްޖެ އަލަށް ބައިވެރިކޮށް އޭގެ ފަސޭހަތައް ލިބުމެވެ. އެހެންވެ، ދިވެހި ހައްޖުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހި އެއާޕޯޓުން އަވަހަށް ނުކުތުމުގެ މަގު ފަހިވި އެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ 1،000 ހައްޖުވެރިންނަށް ހާއްސަ ޓެންޓުތަކުގައި އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބުނެފައި އެވެ. މިނާގައި ވެސް ތިބެން މި ފަހަރު ތިބީ "މަތީ ކެޓަގަރީގެ" ޓެންޓުތަކެއްގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސައުދި އަރަބިއްޔާގައި ހުންނަވައިގެން ޑރ. ޝަހީމް ދައުލަތުގެ މީޑީއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުރިއަށް އޮންނަ އަހަރު ތަކުގެ ތެރޭގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
ހައްޖުގެ އަޅުކަމުގައި މީގެ ކުރީ އަހަރުތަކުގައި ހާޖީންނަށް މަގު އޮޅުން ފަދަ ކަންކަން ދިމާވި ނަމަވެސް މި އަހަރު ދިވެހި ހާޖީއަކަށް އެފަދަ ކަމެއް ދިމާނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.