
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ލުބްނާ ވިދާޅުވީ، ރިމާންޑް ސެންޓަރަށް ނަގާފައިވާ މީހުންގެ ތެރެއިން 178 މީހުން މިހާރު ފަރުވާ ހޯދަމުންދާ ކަމަށެވެ.
ލުބްނާ ވިދާޅުވި ގޮތުގައި ރިމާންޑް ސެންޓަރުތަކަށް ނަގާފައިވާ މީހުންގެ ތެރެއިން ފަރުވާ ނުފެށި ތިބީ ވަރަށް މަދު ބައެކެވެ. އެއީ ކްރިމިނަލް ކޯޓުގައި މައްސަލައެއް އޮތުމުގެ ސަބަބުން ފަރުވާ ފެށުން ލަސްވެފައިވާ މީހުންނެވެ. ނަމަވެސް އެމީހުންގެ މައްސަލަތައް ނިމުމުން ފަރުވާ ދާދި އަވަހަށް ފަށާނެކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ.
އާންމު ގޮތެއްގައި ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. އަދި މިފަދަ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ގދ. ތިނަދޫ، ފުވައްމުލައް، އަދި ސ. ހުޅުދޫގައި ރިމާންޑް ސެންޓަރުތަކެއް ދާދި ފަހުން ގާއިމް ކުރެވިފައިވެއެވެ.
ލުބްނާ ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިން އުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެފަދަ މީހުން ވެސް ރިމާންޑަށް ނެގުމުގެ މަސައްކަތް ކުރާނެއެވެ. މާލޭގެ މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުގެ ހާލަތުގައި ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށް ފަރުވާ ދިނުމުގެ މަސައްކަތް އެންޑީއޭއާއި ފުލުހުން ގުޅިގެން ފެށީ މިދިޔަ އޮކްޓޯބަރު މަހުއެވެ.