
މެއި މަހުގެ 18 އިން 30 އާ ދެމެދު މިފަދަ 44 މައްސަލަ ރިޕޯޓްކުރެވިފައިވާއިރު، އޭގެތެރެއިން 147,132 ރުފިޔާ މިހާރު ވަނީ އަނބުރާ ހޯދިފައެވެ.
އެންޓި ސްކޭމް ސެންޓަރުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ހާއްސަކޮށް ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީ ހޯދުމުގެ ނަމުގައި ހިންގަމުންދާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ޕޯސްޓް ޖަހާފައިވާ އެކައުންޓަކީ ބަލިމީހާގެ ނުވަތަ އޭނާގެ އެހީތެރިންގެ އެކައުންޓްތޯ ޔަގީންކުރުމަށާއި، ގުޅުމަށް ދީފައިވާ ނަންބަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެދިފައިވެއެވެ. އަދި ބަލިމީހާގެ ޑޮކްޓަރުގެ ލިޔުންތަކާއި މައުލޫމާތު ދިމާވޭތޯ ބެލުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމަށާއި، އޯޓީޕީ އަދި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި، ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުމަށް އެންޓި ސްކޭމް ސެންޓަރުން އެދިފައިވެއެވެ. އަދި ފައިސާ މާރުކުރުމުގައި ހަމައެކަނި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށްވެސް ބުންޏެވެ.