
ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރު ހަމީދަށް ރުހުން ލިބުނީ 60 ވޯޓުންނެވެ. އަދި، ފަނޑިޔާރު ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ.
ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން މި އައްޔަންކުރަނީ އެކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ރައްޔިތުން މަޖިލީހުން ވަކިކުރުމަށް ފަހު އެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމުމުންނެވެ.
ޑރ. އަޒްމިރާލްދާ އާއި މަހާޒް މަގާމުން ވަކިކުރެއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި އެވެ. މި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަންފުޅެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.