
އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ކުރަހާ ލޯގޯގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމަށް 8000 ރުފިޔާގެ އިނާމެއް ލިބޭނެކަމަށެވެ.
މި ލޯގޯ ކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 15 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އެޗްއާރްސީއެމުން ބުނީ އެ ކޮމިޝަންގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ނުރަނގަޅު ކަންކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ މިނިވަން ޔުނިޓެއް ކަމަށެވެ. އެހެންކަމުން ކުރަހާ ލޯގޯތަކުން އެކަން ރަމްޒުކޮށް ދޭން ޖެހޭނެކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
މި މަހު ފާހަގަކުރާ ދުނިޔޭގެ ވިޒްލް ބްލޯވާ ދުވަސް ފާހަގަކުރަން އެޗްއާރުސީއެމުން ވަނީ ކުރެހުމުގެ މައުރަޒެއްވެސް ބާއްވަން ނިންމާފައެވެ. މި މައުރަޒަށް ކުރެހުން ހުށައެޅުމުގެ ފުރުސަތުވެސް އެޗްއާރުސީއެމުން ވަނީ ހުޅުވާލާފައެވެ.
މި މަހުގެ 23ގައި މާލޭގެ އާޓް ގެލަރީގައި އޮންނަ މި މައުރަޒަށް ހުށައަޅާ ކުރެހުންތައް މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ކުރިން ހުށައަޅަން އެޗްއާރުސީއެމުން ވަނީ އެދިފައެވެ.