ads
އެމްއެމްއޭ މައި އޮފީސް
ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް "ސީސީ" ގައި ދަމަހައްޓައިފި
ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް "ސީސީ" ގައި ދަމަހައްޓައިފިއެވެ.
Advertisement

ކްރެޑިޓް ރޭޓިންގް "ސީސީ" ގައި ދެމެހެއްޓުމާއެކު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖެ ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ފިޗް އިން ބުންޏެވެ. ދެމެހެއްޓެނިވި ބޭރު އަދި ފިސްކަލް ބަލިކަށިކަން ހުރުމުގެ ސަބަބުން ސަރުކާރުގެ ދަރަނި އަދާކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ފިޗް އިން ބުންޏެވެ.

ފިޗް ރޭޓިންގްސްގެ ރިޕޯޓްގައި ވާގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު 856 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރިޒާވް ދަށްވެފައިވާ 371 މިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރުވުމެކެވެ. މި އިތުރުވުން އައިސްފައިވަނީ އިންޑިއާގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ ސްވޮޕް އެރޭންޖްމަންޓެއްގެ ދަށުން ފައިސާ ދޫކޮށްފައިވުމާއި، ޓޫރިޒަމް ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާގެ 20 ޕަސަންޓް ރުފިޔާއަށް ބަދަލުކުރުމަށް ފޮރިން ކަރަންސީ އެކްޓްގެ ދަށުން ލާޒިމު ކުރުމާ ގުޅިގެންނެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުން ދައްކަންޖެހޭ ދަރަނީގެ މިންވަރު އިތުރުވާނެކަމަށް ފިޗް އިން ލަފާކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ ދެވަނަ ބައިގައި 688 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭއިރު، 2026 ވަނަ އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭނެކަމަށް ފިޗް އިން ލަފާކޮށްފައިވެއެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދަރަނިވެސް ހިމެނެއެވެ. އަދި ރާއްޖޭގެ ބަޖެޓް ޑެފިސިޓް 2025 ވަނަ އަހަރު ޖީޑީޕީގެ 14.5 ޕަސަންޓަށް އިތުރުވާނެކަމަށް ފިޗް އިން ލަފާކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް