
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާއެކުގައެވެ.
ރައީސް އޮފީހުން ބުނީ، ފަލަސްތީނުގެ ސަފީރު ވަނީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ސާބިތުކަމާއެކު ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްފައެވެ. އަދި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދިއުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ސަފީރަށް ދެއްވައިފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއަދު އިތުރު ފަސް ގައުމެއްގެ ނޮން-ރެޒިޑެންޓް ސަފީރުން ވަނީ ރައީސަށް ފަތްކޮޅު އަރުވައިފައެވެ. އޭގެ ތެރޭގައި ޒިމްބާބްވޭ އާއި އުޒްބަކިސްތާނާއި ޑެންމާކް ހިމެނެއެވެ. މި ސަފީރުންނާވެސް ބައްދަލުކުރައްވައި ރައީސް ވަނީ އެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ ހިމެނެއެވެ.