
ޕޮލިސް ކޮމިޝަނަރު ޖީއެސް މަލިކް އާއި ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ "އޭއެންއައި" ބުނީ އަހްމަދުއާބާދުއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓްގެ ސީޓް 11އޭ އިން ސަލާމަތްވި މީހަކު ދިރިހުރި ކަމަށެވެ.
އަދި އެ މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި މަރުވި މީހުންގެ އަދަދާ މެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
އެއާ އިންޑިއާއިން މައުލޫމާތު ދޭ ގޮތުގައި، އެ ބޯޓުގައި ދަތުރުކުރީ 169 އިންޑިއާ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތުންނާއި، ޕޯޗުގީޒު ހަތް މީހަކާއި، ކެނެޑާގެ ރައްޔިތެކެވެ.
މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރާ މީހުންނާއި ފަޔާ ބްރިގޭޑުން ވަނީ އެތަނަށް ގޮސްފަ އެވެ. ބޯޓު ވެއްޓުނު ތަނުން އަރާ ބޯ ދުމާއި އަލިފާންގަނޑު ދުރަށް ފެނެ އެވެ. އަދި މީހުން ސަލާމްތް ކުރުމަށް މަސައްކަތް ކުރާ މީހުންގެ އެހީއާ އެކު ބަޔަކު ހޮސްޕިޓަލަށް ގެންދާ މަންޒަރުތައް ވެސް ފެނެ އެވެ.
ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ނާއި ހަވާލާދީ ރިޕޯޓްތައް ވަނީ ކޯށްފައި އެވެ.
ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ގުޖުރާތުގެ ޗީފް މިނިސްޓަރު، ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރާ ވާހަކަދައްކަވާފަ އެވެ. އަދި، މަރުކަޒީ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.