
އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނަށް ފަސް ބުރެއްގެ މަތިން މިހާތަނަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އިޒުރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ޓައިމްސް އޮފް އިޒަރޭލްއާ ވާހަކަ ދައްކަމުން ބުނެފި އެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އަށް ތަނަކަށް ކަމަށް ވެސް އެ ހަބަރުގައި ބުނެ އެވެ.
ރައްދު ހިތިވާނެ ކަމަށް ބުނެ އީރާނުން އިޒްރޭލަށް ހަމަލާން ދޭން ފެށީ އީރާންގެ އެންމެ ޒަމާނީ އަސްކަރީ ޑްރޯން ބޭނުންކޮށްގެން ނެވެ. އިރާން އިޒްރޭލު ދެމެދު ހަނގުރާމައިގެ ހާލަތެއް އުފެދި މަޝްރަހު ގޯސްވެދާނެ ކަމަށް ބަލާ ސަރަހައްދީ ގައުމުތަކުގެ ވައިގެ ސަރަހައްދުވެސް މިހާރު ވަނީ ބަންދު ކުރަން ފަށައިފަ އެވެ.
އިޒްރޭލުން ބުނީ 100 ވަރަކަށް ޑްރޯން އިޒްރޭލާ ދިމާލަށް އީރާނުން ފޮނުވާލާފައިވާ ކަމަށާއި އެ ޑްރޯންތައް އިންޓަސެޕްޓުކޮށް ވައްޓާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އީރާނުން އިސްރާއީލަށް ހަމަލާތައް ދޭން ފެށީ އީރާނަށް ހަމަލާދީ ބައެއް ކޮމާންޑަރުންނާއި ސައިންސްވެރިން އަވަހާރަކޮށްލި "ޖަރީމާ"އަށް ފަހު ހަރުކަށި އަދަބު ލިބޭނެ ކަމަށް އުންމީދު ކުރަންޖެހޭ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވަނީ އިސްރާއީލަށް އިންޒާރު ދީފައިވަނިކޮށެވެ.
ހަމަލާތަކާ ގުޅިގެން ހަމަނާއީ ނެރުއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެ ހަމަލާގެ ބަދަލު ވަރަށް ހިތިކޮށް ލިބިގަންނާން ތައްޔާރުވުމަށް ހަމަނާއީ ވަނީ އިޒްރޭލަށް އިންޒާރު ކުރައްވައިފަ އެވެ.
މިއަދުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.
ވީޑިއޯ މެދުވެރިކޮށް ދިން އެ މެސެޖުގައި ނަތަންޔާހޫ ބުނީ އިރާނުގެ ފަރާތުން އިޒްރޭލަށް އޮތް ނުރައްކާ އެއްކޮށް ނައްތައިލެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މި އޮޕަރޭޝަނަށް ނަން ދީފައި ވަނީ "ނޭޝަން އޮފް ލަޔަންސް" ގެ ނަމުންނެވެ. އެމެރިކާއިން ވަނީ އިޒްރޭލު ދިފާއުގައި ތެދުވާނެކަމަށް ބުނެ އީރާނުން މެދުއިރުމަތީގައި ތިބި އެމެރިކާގެ އިސްތިއުމާރީ ސިފައިންގެ މަރުކަޒަކަށް ހަމަލާ ނުދިނުމަށް އީރާނަށް އިންޒާރުކޮށްފަ އެވެ
އިޒްރޭލުން އީރާނަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ދުނިޔޭގެ ގައުމުތަކުން އަންނަނީ ކުށްވެރިކުރަމުން ނެވެ. އެގޮތުން ސައުދީ،ޗައިނާ އަދި ޖަޕާނުން ވެސް ވަނީ ހަރުކަށި އިބާރާތުން އިޒްރާއީލްގެ އަމަލުތައް ކުށްވެރިކޮށްފައި އެވެ.
އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.