
ޕޮލިސް ކޮމިޝަނަރު ޖީއެސް މަލިކް އާއި ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ "އޭއެންއައި" ބުނީ އަހްމަދުއާބާދުއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓްގެ ސީޓް 11އޭ އިން ސަލާމަތްވި މީހަކު ދިރިހުރި ކަމަށެވެ. އެ މީހާއާ މޯދީ ބައްދަލު ކުރެއްވީ އެ މީހާ އެޑްމިޓްކޮށްފައި އޮތް ހިސްޕިޓަލުގައެވެ. އެ މީހާއަށް ހޮސްޕިޓަލްގައި އަދިވެސް އަންނަނީ ފަރުވާ ދެވެމުންނެވެ. ބޭރުފުށުން އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައެއް ނެތެވެ.
ބޯޓުން ސަލާމަތްވީ މީހާއާ މޯދީ ބައްދަލު ކުރައްވާފައިވާއިރު، މޯދީ ވަނީ ބޯޓު ވެއްޓުން ސަރަހައްދަށްވެސް ވަޑައިގެންފައެވެ.
އެއާ އިންޑިއާއިން މައުލޫމާތު ދޭ ގޮތުގައި، އެ ބޯޓުގައި ދަތުރުކުރީ 169 އިންޑިއާ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތުންނާއި، ޕޯޗުގީޒު ހަތް މީހަކާއި، ކެނެޑާގެ ރައްޔިތެކެވެ. ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ގުޖުރާތުގެ ޗީފް މިނިސްޓަރު، ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރާ ވާހަކަދައްކަވާފަ އެވެ. އަދި، މަރުކަޒީ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.