
މި ބައްދަލުވުމާ ގުޅިގެން ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ނަޝީދާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ޑިމޮކްރެޓްސްއިން ދިން ކެއުމެއްގައި ބައިވެރިވެފައި ވާކަމަށެވެ.
އަދި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރި ކަމަށް މި ޕޯސްޓުގައި ވެއެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީއާއި އެ ޕާޓީއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ. އަދި ޑިމޮކްރެޓްސްގައި ހުރުމަށްފަހު ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރެއްވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާފައިވާ ނަޝީދު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.
ރައީސް ނަޝީދު ވަނީ 11 ނޮވެމްބަރު 2008 އިން 7 ފެބްރުއަރީ 2012 އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފަ އެވެ. އެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވީ ވެރިކަމާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުމެ ކުރި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާފަ އެވެ ނަމަވެސް އެ އިންތިހާބުން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެ ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވޭ ގޮތެއް ނުވި އެވެ.
އެކަމަކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ވާދަކުރެއްވުމަށް ނަޝީދު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ހުކުމެއްގައި ހުންނެވުމާ ގުޅިގެން ގާނޫނީ ގޮތުން ނަޝީދަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން އެމްޑީޕީން އެންމެ ފަހު ވަގުތު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
އެމްޑީޕީގެ ބާނީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން ގޯސްވީ ނިމިދިޔަ ވެރިކަމުގަ އެވެ. މި ގުޅުން ގޯސްވި ވަގުތާ ދިމާކޮށް ރައީސް ނަޝީދުއަށް ބޮމުގެ ހަމަލާއެއް ދީފައިވެ އެވެ. އަދި އެ ހަމާލާ ދެވުނީ ރައީސް ސޯލިހުގެ ސަރުކާރުން ފަރުވާކުޑަ ކުރުމުން ކަމަށް ރައީސް ނަޝީދުގެ ގާތް ބޭފުޅުންވެސް ތުހުމަތު ކުރި އެވެ.
އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވި އެވެ. އަދި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، 21 ޖޫން 2023ގައި އެ މަނިކުފާނު ވެސް ޕާޓީން ވަކިވެވަޑައިގަތެވެ.