ވަގު ޓީޓީތަކުގެ މައްސަލައިގައ ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. މި މައްސަލަތަކުގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ ކަމަށް ޕީޖީން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް ޝިފާއުއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވަ އެވެ. އެކަމަކު މި އެއްބަސްވުން ބަލައިނުގަންނަން ޝަރިއަތުންވަނީ ނިންމާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ކޯޓަށް ހުށަހެޅި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދާނެ އެވެ. އެއީ މަނީ ލޯންޑަރިންގެ ހުރިހާ ދައުވާއަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ހުރިހާ ދައުވާއެކެވެ.
ކުރިއަށް ގެންގޮސް ސާބިތުކުރުމަށް އެއްބަސްވެފައި އޮތީ އަދަބު ކުޑަކޮށް ހުރި، މަކަރާއި ހީލަތްހެދުމުގެ ހަތް ދައުވާއެކެވެ. މި ދައުވާތަކަށް ޝިފާއުގެ މައްޗަށް އަންނާނީ 88 ދުވަހަށް ޖަލަށްލުމާ އެކު 184،600ރ. އިން ޖޫރިމަނާކުރުމުގެ އަދަބެއް ކަމަށް ވަނީ އެއްބަސްވެފަ އެވެ.
ދައުވާ ލިބޭ މީހާ ބަންދުގައި ހުރި މުއްދަތު، ޖަލު ހުކުމުން އުނިކުރަން ޖެހޭތީ މި ހުކުމާ އެކު ޝިފާއު ސަލާމަތްވާނެ އެވެ. އެއީ ހުކުމުގެ މުއްދަތު ކަމަށްވާ 88 ދުވަހަށް ވުރެ ގިނަ ދުވަހު ޝިފާއު ބަންދުގައި ހުރެފައި ވާތީ އެވެ. އެހެންވެ ޖަލު ހުކުމް ތަންފީޒު ނުކޮށް ދައްކަންޖެހޭނީ 184،600ރ. ގެ ޖޫރިމަނާއެކެވެ.
އެކަމަކު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އިއުތިރާފުގެ އެއްބަސްވުން ބަލައި ނުގަތުމަށެވެ.