
މި ގަރާރު މަޖިލިހަށް ހުށައެޅީ އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދު ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދުއެވެ.
މި ގަރާރު ބަހުސް ކުރަން ފެނޭތޯ މަޖިލީހުގައި ނެގި ވޯޓްގައި ފެންނަކަމަށް ވޯޓް ދިނީ 11 މެމްބަރުންނެވެ، ބަހުސް ކުރަން ނުފެންނަކަމަށް 36 މެމްބަރުން ވޯޓް ދިނެ ވެ.
ކެޔޮދު ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު ހުށައެޅުއްވީ ގަރާރުގައި ވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ އަންނަކަމަށެވެ.
އެ ގަރާރުގައި ވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެތަންތަނަށް ހުށަހެޅިޔަސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވަމުން އަންނަކަމަށް ވިޔަފާރިވެރިން ބުނާ ކަމަށެވެ. އަދި ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތަސް އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށް އެ ގަރާރުގައިވެއެވެ.
އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށެވެ. އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައިވެއެވެ.
އެހެންކަމުން މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރުހިނގާ ކަމަކަށް ނުވާއިރު، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށްވެސް އެ ގަރާރުގައިވެއެވެ.
އޭގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެންނާތީ، މަޖިލީހުގައި އެ މައްސަލާގައި ބަހުސް ކުރަން ވަނީ އެދިފައެވެ.