
މިގޮތުން 2023 ވަނަ އަހަރު ހެލްތު ދާއިރާގެ 63 ގިންތިއެއްގެ މުވައްޒަފުން ފިނޭންސް މިނިސްޓްރީގެ ހެލްތު ޖޮބްމެޓްރިކްސްގެ އުސޫލަށް ބަދަލުކުރެވުނު ކަމަށާއި، ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑު އެހެން ދާއިރާތަކާ އެއްހަމަކުރުމަށް އާ ޕޭ ފްރޭމްވޯކެއް ތައާރަފުކުރެވުނު ކަމަށެވެ.
ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ 10 ޕަސަންޓަށް ވުރެ އިތުރު ނުވާނެ ގޮތަށް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނަކީ މަސައްކަތުގެ ތަބީއަތުގެ ސަބަބުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއް ކަމަށްވެފައި، އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ނެތުމުން ރަސްމީ ގަޑީގެ އިތުރުން ގިނަ ވަގުތު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މި ދެ ދާއިރާގެ މުވައްޒަފުން އިތުރުކުރުމަކީ މި މައްސަލަ ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވީ ނަމަވެސް، އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންގްއަށް ވުރެ އިތުރަށް މަސައްކަތްކުރުވަންޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ގަރާނުގައި ބުނެފައިއެވެއެވެ. ގަރާރުގައި ވަނީ ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ބާތިލުވާނެކަން ފާހަގަކޮށް، މި ދެ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ހާލަތް ރަނގަޅުކުރުމަށް ހިއުމަން ރިސޯސް އޮޑިޓެއް ހަދައި، އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.