
މި ގަރާރު މަޖިލިހަށް ހުށައެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.
އެ ގަރާރުގައި ބުނެފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލެއް ކަނޑައެޅިފައިވީ ނަމަވެސް އެ ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން އެ ދެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއް ކަމަށެވެ.
އެހެންނަމަވެސް އެ ދެ ދާއިރާގެ މުވައްޒަފުން އިތުރަށް މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑީގެ ފައިސާ ނުލިބޭކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އަމީން ފައިސަލްގެ ގަރާރުގައި ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ، އެންމެ ގިނަވެގެން 10 އިންސަންތައަށް ވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރި ނަމަވެސް އިތުރަށް ފައިސާއެއް ނުލިބޭކަމަށެވެ. އެހެންކަމުން ސިއްހީ ހިދުމަތުގެ ދާއިރާއާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ހާލަތް ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދައި އިތުރު ގަޑީގައި މަސައްކަތްކުރުވުމުގެ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، އެކަންކަމަށް، އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސްކޫލު ގަޑިތަކުގެ ބޭރުން ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާ ކަމަށް ގަރާރުގައިވެއެވެ. އަދި، ސިއްހީ ދާއިރާއަށް ބަލާއިރު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އެއް ސަބަބަކީ އެ ދާއިރާގައި ޕޭޝަންޓް-މެޑިކަލް ކެއާޓޭކާ ރޭޝިއޯ ހަމަނުވުން ކަމަށް އެ ގަރާރުގައިވެއެވެ.