
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލަ ޝައްމާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުުމުން އެ ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ޝައްމާން މިނިވަންކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިފައެވެ. ހައި ކޯޓުގެ އަމުރު ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލާގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޯޓަށް މިފަހުން އައްޔަނުކުރި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ޝަހިދުގެ އިތުރުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި މީގެ ހަފްތާއެއްހާ ދުވަސްކުރި އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރި އަބްދުالله ހަމީދު އެވެ.
އެކަމަކު، ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުމަކާނުލައި ތަހުގީގުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފައެވެ.
ޝަމްއާންއަށް ފުލުހުން ކުރާ ތުހުމަތަކީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ ތުހުމަތެވެ. ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ. އެކަމަކު ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ނެރުނު އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދުވަނީ ނިންމާފައެވެ.