ads
އިރުތިޝާމް އަދި ގީލާ
އިރުތިޝާމް އަދި ގީލާ ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރުހުން
ރާއްޖެއިން އަޔަލެންޑް އަދި ޔޫކްރޭންއަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ދެ ނަން ކަމުގައިވާ ޑރ. އިރުތިޝާމް އާދަމް އަދި ގީލާ އަލީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
Advertisement

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ބޭއްވުނު ވޯޓުގައި ދެ ބޭފުޅުންގެ ނަންފުޅަށް 66 މެންބަރުން ތާއީދުކުރެއްވިއެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.

ޑރ. އިރުތިޝާމް އާދަމަކީ މިހާރު ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނެވި ސަފީރެވެ. އެކަމަނާއަށް ރުހުން ދެވިފައިވަނީ އަޔަލެންޑްގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށެވެ. ޑރ. އިރުތިޝާމަކީ ޑިޕްލޮމެޓިކް އަދި ސިޔާސީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެކަމަނާ ވަނީ ޖަރުމަނު، އިޓަލީ، ތުރުކީ އަދި ސުވިޒަލެންޑްގެ ސަފީރުކަމާއި، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަން ވެސް އަދާކުރައްވާފައިވެއެވެ.

ގީލާ އަލީއަކީ މިހާރު ރާއްޖެއިން ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނެވި ސަފީރެވެ. ގީލާއަށް ރުހުން ދެވިފައިވަނީ ޔޫކްރޭންގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށެވެ. ގީލާއަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޖެނީވާގައި ހުންނަ އދ.ގެ ރާއްޖޭގެ މިޝަންގެ މިނިސްޓަރުކަމާއި ޗާޖް ޑި އެފެއާޒްގެ މަގާމާއި، ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓާ ކައުންސެލާގެ މަގާމާއި، ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސާވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަގާމު ވެސް ފުރުއްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް