
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ނަވީން ވިދާޅުވީ މަސްތުވާތަކެއްޗަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުގެނެވި ދިގުލައިގެން ގޮސްފައިވާ ބޮޑު ގައުމީ މައްސަލައެއް ކަމަށާއި، ކޮންމެ ސަރުކާރެއްގައިވެސް ހައްލުކުރުމަށް މަސައްކަތްކުރާ މައްސަލައެއް ކަމަށެވެ.
ސަރުކާރުން މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު، މި މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ނަވީން ވިދާޅުވިއެވެ. މީގެ ތެރޭގައި ފުލުހުންގެ ތަހުގީގުކުރުމުގެ ވައްޓަފާޅިއަށް ބަދަލުގެންނާނެ ކަމަށާއި، ޑްރަގް ވިޔަފާރިއާ ގުޅުންހުރި ފައިސާ ހޯދާ ތަންތަނާއި، ފައިސާ ގެންގުޅޭގޮތް ހިމެނޭގޮތަށް ތަހުގީގުތައް އިތުރަށް ހަރުދަނާކުރާނެ ކަމަށް ނަވީން ބުންޏެވެ. މި މަސައްކަތުގެ ތެރެއިން ފައިނޭންޝަލް އެނަލިސިސް ހެދުމަށް ބޭނުންވާ ތަޖުރިބާކާރުން ރާއްޖެއަށް ގެނައުމާއި، މިހާރު ތިބި މުވައްޒަފުން ރީޓްރެއިން ކުރުމުގެ މަސައްކަތްވެސް ފަށައިފިއެވެ.
މަސްތުވާތަކެތި ހުއްޓުވުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ނަވީން ފާހަގަކުރެއްވިއެވެ. އަދި މިކަން ހައްލުކުރުމަށް މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު މަދުކޮށް، އެ ބޭނުންކުރާ ފަރާތްތަކަށް ދޭންޖެހޭ ފަރުވާ ދިނުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް މުދާ ފޮނުވާއިރު ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރާ މައްސަލަ ހުއްޓުވުމަށް ސަރަހައްދީ ގައުމުތަކާއެކު މަސައްކަތްކުރަމުންދާ ކަމަށާއި، އިންޑިއާ އަދި ސްރީލަންކާއާއެކު މިހާރުވެސް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ނަވީން ބުންޏެވެ. ކުރިއަށް އޮތްތަނުގައި މެލޭޝިއާ އަދި ތައިލެންޑާއެކުވެސް މި މަސައްކަތުގައި މަޝްވަރާ ކުރެވޭނެ ކަމަށް ނަވީން ފާހަގަކުރެއްވިއެވެ.