
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ރާއްޖޭގައި އާންމުކުރަމުންދާ ކަމަށެވެ.
މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވާނީ "ގްރީން ނޯޓިސް" ނެރެފައި ކަމަށް ބުންޏެވެ.
މިއުސޫލުގެ ތެރެއިން މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 18 ބިދޭސީންނެވެ.
ފުލުހުން ބުނީ އެފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތު ވެސް އޭގެ ސަބަބުން އެހެން ގައުމުތަކަށް ލިބޭނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުން ކަމަށް ވާއިރު، އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭއިރު ގްރީން ނޯޓިސްއެއް ނެރެފައިވާ ނަމަ، ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާ އެ މީހަކަށް ދިނުން ހުއްޓުވައި މޮނިޓާކުރަން ފުރުސަތު ލިބޭ ކަމަށެވެ.