ads
އެފްއޭއެމް މިހާރު ހިންގާ ނޯމަލައިޒޭޝަން ކޮމިޓީގެ ބައެއް މެންބަރުން
ނޯމަލައިޒިން ކޮމިޓީން ހުކުމް އެ ނެރުނީ އެފް.އޭ.އެމް ނޯމަލައިޒްނުކޮށް؟
7 މެއި 2016 ވަނަ އަހަރު ފީފައިން ފާސްކޮށްދިން އާ އަސާސީ ގަވާއިދަކީ ފީފާގެ ރިފޯމް އެޖެންޑާގެ ދަށުން ހިމަނަންޖެހޭ ހުރިހާ އިސްލާހެއް ހިމަނައިގެން އެއިރު ފާސްކޮށް އަމަލުކުރަން ކަނޑައެޅި އާ އަސާސީގަވާއިދެވެ.
Advertisement

އެ ގަވާއިދުގައި ފީފައިން ހިމަނާފައިވާ އެންމެ މުހިންމު ކަމަކީ ފީފާއިން އަބަދުވެސް ވަކާލަތުކުރަމުން ގެންދިޔަ އެފްއޭއެމްގެ ކޮންގަރެސްގައި ވޯޓިން ޑެލިގޭޓުން މަދު މައްސަލައަށް ހައްލު ހޯދުމެވެ. އެއީ އެންމެގެ ބައިވެރިވުން އޮވެގެން ފުޓްބޯޅަ އެސޯސިއޭޝަން ޑިމަކްރަޓިކް ހަމައިން ހިންގުމަށް ބާރު އެރުޅުމުގެ ގޮތުންނެވެ.

އެފްއޭއެމްގެ ކަންކަމުގައި ބަސްބުނެ ސިޔާސަތުތައް ކަނޑައެޅުމަށް އަތޮޅުތަކުގެ މަންދޫބުނަށް ފުރުސަތު ދިނުމުގެ ގޮތުން ނުވަ ޒޯން ކަނޑައަޅައި އަދި ފުޓްބޯޅައާއި ގުޅުން ހުރި އިތުރު އިންޓްރަސްޓް ގުރޫޕްތައް އުފަންކޮށް އެފްއޭއެމްގެ ކޮންގަރެސްތަކުގައި 44  ވޯޓީން ޑެލިގޭޓުން ހިމެނުމަށް އާ އަސާސީ ގަވާއިދުން އޮތީ ސާފުކޮށް ލާޒިމްކޮށްފައެވެ. އެކަމަށް ހަދަން ޖެހޭ ބައިލޯސްތައް ހެދުމަށް އަސާސީ ގަވާއިދުން ލާޒިމްކޮށްފައި އޮތް އޮތުން އަދިވެސް އޮތީ އެހަމައިންނެވެ.  

2016 ވަނަ އަހަރު ފީފައިން އެޕްރޫވްކުރި އާ އަސާސީ ގަވައިދުގެ ދަށުން އެފް.އޭ.އެމްގެ އިންތިހާބުވެސް ބޭއްވިއެވެ. އެއިރުގެ ހިންގާ ކޮމިޓީގެ ފުރަތަމަ ދައުރުގައި، އާ އަސާސީ ގަވާއިދުގައި ކަނޑައެޅިފައިވާ ހަމައިން 44 ވޯޓީން ޑެލިގޭޓް ކަނޑައަޅާ މައްދާ ތަންފީޒުކުރަން ލާޒިމްކޮށްފައިވެސް އޮތެވެ.

ނަމަވެސް ބައްސާމުގެ އެއިރުގެ ހިންގާ ކޮމިޓީން އާ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކޮށް، އަތޮޅުތަކަށް ލިބިދޭންޖެހޭ ފުރުސަތު ނުދީ ދެވަނަ ދައުރަކަށް އިންތިހާބަށް ހުޅުވާލިއެވެ. އެ މައްސަލަ އެދުވަސްވަރު ރައްޔިތުންގެ މަޖިލީހަށްވެސް ހުށައެޅުނެވެ.

ކޮޅެއްގެ ނުޖެހި ކަންނިމި ދިޔައީ އަސާސީ ގަވާއިދުގައި ލާޒިމްކުރާ ނުވަ ޒޯން އަދި އިންޓަރެސްޓް ގުރޫޕްތަކަށް ލިބިދީފައިވާ ހައްގުތަށް އެކަހަރިކޮށް ބައްސާމު ދެވެނަ ދައުރަކަށް އިންތިހާބުވެގެންނެވެ.

ގާނޫނާއި ގަވާއިދުތައް ރާއްޖޭގައި ތަންފީކޮށްދޭން ހުރި އިދާރާތަކުގައި ތިއްބެވި އެއިރުގެ ވެރިން އެ ދުވަހު ޖެއްސެވީ އަތެވެ. އަދި ފީފާއިން އެއިރު އެ ވަކާލުތުކުރި ރިފޯމް އެޖެންޑާގެ އިސްލާހުތައް ވީތަނެއް ފީފައަށްވެސް އެދުވަހުކު ނޭގުނެވެ.

މިފަހަރުގެ ނޯމަލައިޒިން ކޮމިޓީއަށް ކުރެވުނު އުންމީދު

ހަގީގަތުގައި، މިހާރު މިއޮތް ނޯމަލައިޒިން ކޮމިޓީއަށް މެންޑޭޑްކޮށްފައި އޮތީވެސް ބާއްސާމު ދައުރުގައި އިހުމާލުވެފައިވާ އަސާސީ ގަވާއިދުން ކުރަން ލާޒިމްކުރާ ކަންކަން ދެނެގަނެ އެފަދަ ކަންކަން ރިވިއުކޮށް އެކަންކަން އިސްލާހުކުރުމެވެ. ޒޯންތަކުގެ ކްލަބްތައް ވޯޓްލުމުން މަހުރޫމްކޮށްފަ އޮތިއްޔާ އެބައިމީހުންނަށް އެހައްގު ކަށަވަރުކޮށް ދިނުމެވެ. އަސާސީ ގަވާއިދުން ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކޮށް އެންމެންގެ ހައްގުތައް ކަށަވަރުކޮށްދިނުމެވެ.

އެހެންކަމުން ފުޓްބޯޅަ އާއިލާއިން ގަބޫލްކުރީ އަސާސީ ގަވާއިދުން ލިބިދީފައިވާ އެ ހައްގުތައް ތަންފީކޮށް ދިނުމުގައި މިފަހަރުގެ ނޯމަލައިޒިން ކޮމިޓީން ފިސާރީ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. ސަބަބަކީ ނޯމަލައިޒިން ކޮމިޓީއަށް އައްޔަނުކުރެވުނު ބޭފުޅުންނަކީ ދެވަނައެއް ނެތް ފިސާރީ ކުޅަދާނަ ގާނޫނީ ވަކީލުންތަކެއްކަމަށްވެސް ވާތީއެވެ.

ނަމަވެސް އާހިރުގައި އެވެރިންވެސް ކަންކޮށް އެނިންމާލަނީ އެ ބޭފުޅުންގެ ކްރެޑިބިލިޓީއާ މެދު ސުވާލުއުފައްދަން ޖާގާދީ، ފުޓްބޯޅަ އާއިލާއަށް ކަޅު ސަފުހާއެއް ލިޔެދެއްވާ ހަމައިންނެވެ.

މިފަހަރުވެސް އަނެއްކާ އަސާސީ ގަވާއިދު އިސްލާހުކުރުން

ނޯމަލައިޒްކޮށްލާ ކޮންމެ ފަހަރަކުވެސް ފީފައިން އަމަލުކުރަމުން މިދަނީ ޑިމޮކްރަޓިކް ހަމައިން ކުރިން ކަނޑައަޅާދީފައިވާ ހައްގުތަކެއް، އުނިކޮށް އަބަދު އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބަކަށް ގޮވާލާ މަންޒަރެވެ. މިއީ ހަމަ ފީފާއިން ކޮށްކޮށް އަވަދި ނުވި މައްސައްކަތެކެވެ.

މިކަމުގައި އަބަދުވެސް ފީފައިން ކުޅެނީ ޑިފެންސަށެވެ. ކީހާ ޅެން ފަރިއްސަށް ބަދަލުވާ ސިފައެއްގައެވެ. އެ ވަކާލަތު ކުރާ ރިފޯމް އެޖެންޑާއޭ ކިޔާ ބޯޅަ ފީފާއިން އަމިއްލައަށް ކިހިލިޖަހާލައިގެން ތިބެއެވެ.

މިވަގުތު އެފް.އޭ.އެމްގެ ނޯމަލައިޒިން ކޮމިޓީގަ ތިއްބެވި ގާނޫނީ ފުންނާބު އުސް ބޭފުޅުންވެސް އާ އަސާސީ ގަވައިދުގައި ދިރިއޮތް އެ މާއްދާއަށް އަމަލުކުރަން ޖެހޭ ހަމަތަކަށް ފުރިހަމައަށް ތާއިދު ކުރެއެވެ. ނަމަވެސް ހިތާމައަކީ ކޮންމެވެސް ސަބަބަކާއި ހެދި އެބޭފުޅުންވެސް ހަގީގަތާއި ކުރިމަތިލާ އިރު ގަޔާދުރަށް ކުޅުއްވަމުން ވިދާޅުވަނީ ފީފާގެ ރިފޯމް އެޖެންޑާއޭ ކިޔާ ބޯޅަ ވައިމަޑު ވާހަކައެވެ.

އަނެއްކާވެސް އެފް.އޭ.އެމްއަށް ހައްލު ލިބެން އޮތީ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ބުނެއެވެ. އެފް.އޭ.އެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުން މިއީ މިހާރު ބޮޑު އަރަތެއްގެ ގޮތުގައި ސިފާކުރާ އެތެއް ބަޔަކުސްވެސް އެބައުޅެއެވެ.

މައްސަލައަކީ ހަމަ އަސާސީ ގަވާއިދުތޯ؟

ބަހުސުގެ ބޭނުމަށް ފަހަތަށް ފިޔަވަޅެއް އަޅާނަމެވެ. އަސާސީގަވާއިދު އިސްލާހުކުރާށެވެ. އެކަންކޮށްގެންވެސް ފުޓްބޯޅައަށް ދާއިމީ ޝިފާއެއް ހޯދައިދޭންވީއެވެ. އެކަމަކު އޭގެކުރިން އެފް.އޭ.އެމްއަށް ކުރިމަތިވި މައްސަލައަށް ރިޔާއަތް ކުރަންޖެހެއެވެ.

ހަގީގަތަކީ އެފް.އޭ.އެމް މިފަހަރު ނޯމަލައިޒްކޮށްގެ މިއުޅޭނީ އަސާސީ ގަވާއިދުގައި އެފް.އޭ.އެމް ހިންގަންވީ މަގު އޮޅިގެންނެއް ނޫނެވެ. މާޒީގައި ކުރިމަތިވި ހައްސާސް އެތަކެއް މައްސަލަތަކެއްގެ ތެރެއިން އެތައް ތަޖުރިބާއެއްކޮށް، ފީފާގެ ރިޕޯމް އެޖެންޑާގެ ދަށުން ވަރަށް ތަފްސީލީ އަސާސީ ގަވާއިދެއް ކަޅާ ހުދުންވަނީ ލިޔެދީފައެވެ. ފީފާއިން އެފް.އޭ.އެމް ނޯމަލައިޒްކުރި އަސްލު މައްސަލައަކީ އިންތިހާއަށް ކޮރަޕްޝަން ހިންގާ، ފީފައިން އަމަލުކުރުމަށް ކަނޑައަޅާދީފައިވާ އެފް.އޭ.އެމްގެ އާ އަސާސީ ގަވާއިދާ ހިލާފަށް މަކަރާއި އޮޅުވާލުމުގެ ތެރެއިން އެ އިދާރާގެ ވެރިން ހިތު ހުރިގޮތަކަށް އަމަލުކޮށް ނަހަމަގޮތުގައި ކަންކަން ކުރަމުންދާކަން ފީފައަށް ކޮންމެވެސް ހިސާބަކުން ރެއަކާލީމައެވެ.

ކަންމިހެން އޮތް އިރު، އެފް.އޭ.އެމްގެ ހަގީގީ މައްސަލައަށް ބެލުމެއް ނެތި ތިޔަ ދައްކަވަނީ ފީފާއިން ދެ ފަހަރެއްގެ މަތީން އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދެއްގެ އަނެއްކާވެސް އިސްލާހުކޮށް އަލުން އިންތިހާބެއް ބާއްވާ ވާހަކައެވެ. އެ އަސާސީ ގަވާއިދެއްގައި ފީފާއިން ކުރިން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ބައެއްގެ އަތުން އުނިކޮށް އަނެއްކާ އަލުން ގަވާއިދު ލިޔެދޭ ވާހަކައެވެ. އެއަށްފަހު އަނެއް އިންތިހާބު ބާއްވާ ވާހަކައެވެ. ވޭދުވެދިޔަ މާޒީގައި މިހަމައިން ކަންކޮށްގެން ފީފައިން އެފް.އޭ.އެމްއަށް ހޯދާއިދެވުނީ ކޮންކުރިއެރުމެއްތޯއެވެ.

ފީފާގެ އަސާސީގެ ގަވައިދުގެ އެ ބުނާ އަށްވަނަ މައްދާ  އިން އެފް.އޭ.އެމްއަށް ހަމަލާދޭތާ ލައްކަ ދުވަސްވެއްޖެއެވެ. ފީފާއިން ކަންކަން މިޒާތަށް ހިންގާނަމަ އަސާސީ ގަވާއިދެއް ލިޔުމުގެ ބޭނުމެއް އެބައޮތްތޯއެވެ.

ފީފާއިން އެ ވަކާލާތު ކުރާ ރީފޯމް އެޖެންޑާގެ ޑިމޮކްރަޓިކް މިންގަނޑަކީ އަބަދު ނޯމަލައިޒްކޮށް އަސާސީ ގަވާއިދު އިސްލާހުކޮށް ވަކިބައަކަށް އިންތިހާބު ބާއްވައި ދިނުންތޯއެވެ. ކޮންމެ ފަހަރަކުވެސް އަލުން ފަށައިދިނުން ތޯއެވެ.

ނިގުޅައި އެގަތީ އަތޮޅުތަކުގެ ހައްގުތައް

އެފް.އޭ.އެމްގެ އާ އަސާސީ ގަވާއިދު އެންމެ ފަހުން އިސްލާކޮށް އިންތީހާބު ބޭއްވިއިރު އެގަވާއިދުގެ 10 އަދި 22 ވަނަ މައްދާގެ ބުނާ ޑެލިގޭޓުންނާ ވޯޓް ކަނޑައަޅާފައިވާ ގޮތުން ނުވަ ޒޯން އުފަންކޮށް މިއިން ކޮންމެ ޒޯނަކުން އެއް ވޯޓިން ޑެލިގޭޓް ކަނޑައަޅާ ކޮންގަރެސްތަކުގައި ވޯޓް ދެވޭ ޑެލިގޭޓުންގެ ގޮތުގައި ހިމަނާފައިވެއެވެ. އަދިވެސް މިމާއްދާ އޮތީ މިހަމައިންނެވެ.

މި މާއްދާއަށް ބަދަލެއް ގެންނަންޖެހޭ އެއްވެސް ހާލަތެއް ފީފާއަށްވެސް އުފަންކުރާނެ ފުރުސަތެއްނެތެވެ. ސަބަބަކީ އެއީ ފީފާގެ ރިފޯމްގެ އެޖެންޑާގެ އެންމެ މުހިންމު އެއް ބޭނުންކަމަށް ކުރިން ވަކާލަތުކޮށް ލިޔެދީފައިވާތީއެވެ.

ހިތާމައަކީ އަތޮޅުތަކުގެ ބައިވެރިވުމެއް ނެތި އެފް.އޭ.އެމްގެ އާ އަސާސީ ގަވާއިދާ ހިލާފަށް ކުރިން އިންތިހާބުތައް ބާއްވާ އެފް.އޭ.އެމްއަށް ވެރިން ހޮވިގެން ދިޔައިރުވެސް ފީފާ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންވެސް ކަހާތަން ހިރުވާވެސް އެއިރު ނުލުމެވެ.

އަތޮޅުތަކުގެ ނުވަ ޒޯނުން ކަނޑައަޅަން ޖެހޭ ޑެލިގޭޓުންނަށް މިހާރު އަޅުވާ ސްމޯކްސްކްރީން 

ނުވަ ޒޯންގެ މައްސަލަލައިގައި ބައެއް މީހުން މިދުވަސްކޮޅު އަދި ދައްކަނީ މާމޮޅު ވާހަކައެކެވެ. އެއީ ބައްސާމުގެ ދައުރުގައި އެކަން ކުރަން ކަޑައެޅި ލިޔެވިފައި އޮތް އިރުވެސް އެކަން ނުކޮށް އޮތުމުން، ނުވަ ޒޯނުން މަންދޫބުން ކަނޑައެޅިފައި ނުވާ ވާހަކައެވެ.

އެ ޒޯންތައް އުފަންކޮށްފައި ނެތުމުން އެއީ ކޮންބައެއްކަން ނޭގޭ ވާހަކައެވެ. އަދި އަސާސީ ގަވާއިދުގެ 14 ވަނަ މައްދާގައި ބުނާ ޝަރުތު ހަމަނުވާ ވާހަކައާއި އަދި ވިދިވިދގެން ފަސް އަހަރު މުބާރާތްތަކުގައި ވާދަކުރުމުން ނޫނީ މެމްބަރޝިޕް ނުލިބޭނެ ގަވާއިދެއް ބައްސާމުގެ އެކްސްކޯއިން ހަދާފައޮތުމުން އެޒޯންތަކަށް ވޯޓް ލުމުގެ ފުރުސަތު ނޯންނާނެ ވާހަކައެވެ.

މިއީ އަތޮޅުތަކަށް ފުޓްބޯޅަ ފުޅާކުރުމުގައި އެންމެ ބޮޑަށް ވަކާލާލުކުރާ ބައެއްގެ ޓެގް އަޅުއްވައިގެން ތިއްބަވާ ބައެއް ބޭފުޅުންގެވެސް މިހާރުގެ ބަސްމަގެވެ. އެބައިމީހުން ބުނަމުން ދަނީ އަސާސީ ގަވާއިދުން ކުރަން ލާޒިމްކުރާ ކަމެއް ނުކޮށް އޮތުމުން ކުރެވޭނެ ކަމެއް މިހާރު އެބައޮތްތޯއެވެ. ފީފާ އަދި ސްޕޯރޓްސް ކޮމިޝަނަރާއި ވަޒީރު އޯކޭ ވަންޏާއި އެނިމުނީކަމަށެވެ. އަތޮޅުތަކުން ހައްގުވެރިންތަކެއް ބާކީކޮށް ގަވާއިދާ ހިލާފަށް ކޮންގަރެސް ބޭއްވުން އެއީ ހަމައޯކޭ ކަމެއްގެ ގޮތުގަ ސިފަކުރަމުންނެވެ. ފީފާއިން ބޭނުންވާ ގޮތަކަށް ކަންކުރުމުން ރަނގަޅުވާނެ ކަމަށް ބުނެއެވެ.

ކޮންފަދަ ދޯހަޅި އިދާރީ ވިސްނުމެއްގައި ތިއްބަވާއިގެން ހިތަށް ފިނިކަމެއް ގެންނަވަން ދައްކަވާ ވާހަކަތަކެއްތޯއެވެ. މިފަދަ ބޭފުޅުން މިވާހަކަތައް ދެއްކުމުގެ ކުރިން މިހާރުގެ ނޯމަލައިޒިން ކޮމިޓީއަށް ކަނޑައެޅުނު މުއްދަތުގައި އެކަންކަން ކޮށްދިނުމަށް އެދި ވަކާލާތުކޮށް ދީފައިނެތުމަކީ މިހާރު އެދައްކަވާ ވަހަކަތަކާއި މެދު އިތުރުރަށް ސުވާލު އުފައްދަން ޖާގަވެސް ލިބޭކަމެއްކަން ގިނަ ބަޔަކު ގަބޫލްކުރެއެވެ. ހިތާމައަކީ އެބޭފުޅުންގެ މިވާހަކަތަކުގައި އަނެއްކާވެސް ފިޔަފަޅާ އަރާ ހަމަކުރާނެކަމަށް ގަބޫލްނުކޮށް އެވާހަކަތައް ދެއްކެވީމައެވެ.

  

އަސާސީ ގަވައިދުގައި ބުނާ ނުވަ ޒޯން ގެ ހައްގުތަށް ކަށަވަރުކޮށްދެން ޖެހޭ

އެފް.އޭ.އެމްއިން އަމަލުކުރަން ފީފާއިން ކަނޑައަޅާދީފައިވާ އާ އަސާސީ ގަވާއިދުގައި ވަރަށް ތަފްސީލްކޮށް ނުވަ ޒޯން ކަނޑައަޅަން އަދިވެސް ލާޒިމްކޮށްފައި އެބައޮތެވެ. އެފްއޭއެމް އާއި ކުރިން ހަވާލުވި ވެރިން މި ސްޓޭޓުއަރީ މާއްދާއާއި ހިލާފުވުމަކީ، އެއީ އަތޮޅުތަކުގެ ކްލަބްތައް ކުށްވެރިކޮށް، 14 ވަނަ މައްދާ އިން އަނެއްކާވެސް އެފަރާތްތަކަށް އަދަބު ދޭންޖެހޭ ސަބަބެއްކަމަށް ގަބޫލްކުރަން ދައްޗެވެ.

އަދި އެބުނާ، ވިދިވިގެން ފަސްއަހަރު މުބާރާތްތަކުގައި ވާދަ ނުކުރާނަމަ އެފް.އޭ.އެމްގެ މެމްބަރަކަށް ނުވެވޭނެ ގަވާއިދު ހަދާފައި އޮތީވެސް އަސާސީ ގަވާއިދުގެ މުޅި މިމަހަފޫމްއާއި ހިލާފަށް އެއިރުގެ ވެރިންގެ އަމިއްލަ ބާރުވެރިކަމެއް ދެމެހެއްޓުމުގެ ވިސްނުމުގައެވެ.

އެފް.އޭ.އެމްގެ އާއްމު މެންބަރުކަން ދިނުމަށް އެއިރުގެ ލީގަލް އޮފިސަރުގެ ލަފާގެ ދަށުން ބައްސާމުގެ ހިންގާ ކޮމިޓީން އެކުލަވާލިކަމަށް އެބުނާ އުސޫލީ އެގަވައިދުގައި އެފް.އޭ.އެމްގެ މެންބަރަކަށް ވެވޭނީ ފަސް އަހަރުގެ ވަންދެން އެފްއޭއެމްގެ މުބާރާތްތަކުގައި ވާދަކޮށްގެންނެވެ.

އަސާސީ ގަވާއިދުން ލާޒިމްކޮށްފައިވާ ރީޖަނަލް އެސޯސިއޭޝަންތަކާއި އަދި ޒޯންތަކާއި އިންޓްރެސްޓް ގުރޫޕްތައް ކަނޑައަޅައިދިނުމުގައި އެފަދަ އުސޫލީ ގަވައިދެއް ވާރުތަ ކުރެވޭނެ އެއްވެސް ހަމައެއް ނެރެވިދާނެކަން ގަބޫލްކުރަން އުނދަގުލެވެ. އެ ބުނާ އިންޓެރެސްޓް ގުރޫޕްތަކަކީ އަދި އަމުދުން ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރި ކުރެވޭނެ ގުރޫޕްތަކެއްވެސް ނުމެނޫނެވެ.

ކަންމިހެންއޮތް އިރު، ސަބަބުވެރި ސިކުނޑިއަކުން ވިސްނާލިއަސް އެއީ އުފެދުމުގައިވެސް ބާތިލް އުސޫލީ ގަވާއިދެއްކަން، މިހާރު މިއޮތް ނޯމަލައިޒިން ކޮމިޓީއަށް ފަހުމުވާނެކަން ކަށަވަރެވެ. އަދި އަސާސީ ގަވާއިދުން ކުރަން ލާޒިމްކޮށްފައިވާ ކަމެއް އޯވަރ ރޫލްކޮށް ގަވާއިދެއް ނުވަތަ އުސޫލެއް ހެދޭނެ އެއްވެސް ހަމައެއް ނޯންނާނެކަންވެސް ހަމަ އެވެރިންނަށް ސާފުވާނެއެވެ.

ވަކި ބައެއްގެ ހިމާޔަތުގައި ތިބެ އެބަޔެއްގެ ބަސްއެއީ ހަމައެކަނި ފުޓްބޯޅައަށް ބަސްބުނާ ބައެއްގޮތުގައި ހަދާ އެބަޔަކު ބުނާ ގޮތަކަށް އަނެއް އިންތީހާބު ބާއްވާދިނުމަކީ މީގެ ކުރިން އެކުލަވާލެވުނު ނޯމަލައިޒިން ކޮމިޓީން އަމަލުކުރި ހަމައިން، ފީފާގެ އަނދިފަރާތުން ހިންގާ ހުތުރު އަމަލަކަށް ނޫނީ ނުވާނެއެވެ. އެ ވިސްނުމުގައި ތިބޭނަމަ ފުޓްބޯޅަ ހައްތަހާވެސް ދަނީ ބްލީޑުވަމުންނެވެ.

ރާއްޖޭގެ ހެދިފައި ހުރި ގަވައިދުތަކާއި އަދި ތަންފީޒުކުރަން ކަނޑައަޅާދީފައިވާ އަސާސީ ގަވާއިދާ ހިލާފަށް، ރާއްޖޭގެ ފުޓްބޯޅައާއި ގުޅުންހުރި ކަންކަން ކަނޑައަޅާ ގޮތްތަކެއް ނިންމަން ފީފާވެސް އަދި ހައްރާޒަށްވެސް ލިބިދެނީ ކޮންހައްގެ ތޯއެވެ. އަސާސީ ގަވާއިދެއް އެކުލާލުމުގެ އެންމު މުހިންމު މަގުސަދަކީ އެފް.އޭ.އެމް ހިންގުމުގަ އާއި އަދި ކަންކަން ނިންމާމުމުގައި ހަމަހަމަކަމާއި އިންސާފާއިއެކު އަދުލްވެރިކޮށް ގަވަންކުރުމަށް ހަރުދާނާ ސްޓްރަކްޗަރެއް އެކުލަވާލުމެވެ. މިއީ ފީފާއިން ބާރުލާފައި ތާއަބަދު ގޮވަމުންދާ ގޮވެލި ފައްޗެވެ. ގަވާއިދުން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަންކަން ކުރުމަށް ވާގިވެރިވޭނަމަ އެ ގޮސްވަދެވެނީ ބަލިމަޑުކަމެއްގެ ތެރެއަށެވެ. ހެދިފައިވާ ގަވާއިދާ ހިލާފަށް އަމަލުކުރުމަކީ އެ އިދާރާއެއްގެ މުޅި ގަވަނިން ސިސްޓަމް ހަރާބުކޮށްލުމެވެ.

ކުޅިވަރު ވުޒާރާ، ސްޕޯރޓްސް ކޮމިޝަނަރ އަދި ފީފާގެ ބައިވެރިވުން އޮވެގެން ގަވާއިދާ ހިލާފަށް ކަންކަން ކުރުމަކީ އަދި މާނުރައްކާ މައްސަލައެކެވެ. ގޯހަށް ގޯހޭ ބުނުމުގެ ހިތްވަރު ހުންނަންވާނެއެވެ.

ފުޓްބޯޅައަށް އިހްލާސްތެރިވާން އެދޭނެނަމަ ފީފާވެސް މޭޒުދޮށަށް ގެންނައުމުގެ ހިތްވަރު ހުންނަންވާނެއެވެ. ފުޓްބޯޅައަށް ބޭނުންވަނީ އިހްލާސްތެރި ވެރިންކަމަށް ވަކާލުތުކުރާނަމަ، ކަނޑައެޅިފައިވާ އުސޫލާއި ހަމަތަކަށްވެސް ލޯބި ކުރަން އާދަކުރައްވާނެއެވެ. ނުރަނގަޅަށް ހިންގާ ކޮންމެ އަމަލަކީ އޭގެ ޒާތުގައި ވަށާޖެހި އެމީހަކާއި ބައްދަލުކުރާ އެއްޗެއްކަން މިހާރު އިހްސާސް ވާންވެއްޖެއެވެ.

އެޑިޓަރުގެ ނޯޓު: 

ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުނު، ދަނޑުމަތީގައި ސާޔާގެ ނަމުން މަޝްހޫރުވި ޝާހުއަކީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ޓީމުގެ ކެޕްޓަން އެވެ. ޝާހުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓްރީ އަދި ވެލެންސިޔާއަށް ކުޅެ އެ ކްލަބުތަކާއެކު އެތައް ކާމިޔާބެއް ހޯދާފަ އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރު، އާއްމު ހިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް ޝާހް ހާސިލްކޮށްފައިވެ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު ޝާހު ދެން ކުރިއަށް ދިޔައީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަން ކުރުމުގެ އިތުރުން، ޝާހްއަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެންމެ ސީނިއަރ އެއް މެޗު ކޮމިޝަނަރެވެ. ޝާހުއަކީ ބައިނަލް އަގްވާމީ ފެންވަރުގައި ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާކާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް