
އީރާނުން އިޒްރޭލަށް ރައްދު ހަމަލާތައް ވަރަށް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި އީރާނުން މިހާރު ބުނަނީ ނިއުކްލިއާ މަޝްވަރާ އެމެރިކާއާއިއެކު ކުރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި އެމެރިކާއާއި އެމީހުންގެ ބައިވެރިންނަކީ އިތުބާރި ގެއްލިފައިވާ މަކަރުވެރި ބައެއް ކަމަށެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ ވަގުތު ފާއިތުވުމުގެ ކުރިން އީރާނުން އެއްބަސްވުމެއް ހަދަން ޖެހޭނެ ކަމަށެވެ.
ޓްރަމްގެ މި އިންޒާރު އީރާނަށް އަމާޒުވެފައި ވަނިކޮށް އިޒްރޭލާއި އިރާނާ ދެމެދު މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަނުމަކީ ވެދާނެ ކަމެއް ކަމަށް ވެސް ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފައި އެވެ. ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާގެ މޭޒުގެ ދަށަށް އައުމަށް އިރާނަށް ފުރުސަތު ބަންދު ނުވާނެ ކަމަށެވެ.
މިހެން ޓަރަމްޕް ވިދާޅުވެފައިވަނިކޮށް އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާ ކަމަށާއި، އެ ގައުމުން ސަސްޕެންޑުކޮށްފައިވާ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް އަލުން ފަށަން އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ހުއްދަ ނުދެއްވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް، ތުލްސީ ގައްބާޑް ވަނީ ވާހަކަ ދައްކަވާފައި އެވެ.
ނަމަވެސް މި ވާހަކަތައް ޓްރަމްޕް ގަބޫލެއްނުކުރައްވަ އެވެ. ވިދާޅުވަނީ އީރާނުން މިހާރު އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށާއި ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް އިން ދޭ މައުލޫމާތުގައި "ގޯސް" އެބަހުރި ކަމަށެވެ.
ކޮންމެއަކަސް އިޒްރޭލުން އިރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އެމެރިކާ ވެސް ބައިވެރިވެ އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ރުހުން ދެއްވައިފަ އެވެ.
އީރާނަށް ހަމަލާދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރުހުން ދިން ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނިންމަވާނީ އީރާނުން ނިއްކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ކުރަން ތައްޔާރުތޯ ބެއްލެވުމަށްފަހު ކަމަށް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ގައުމީ ސަލާމަތީ ޓީމާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.
- އިތުރަށް ކިޔާލަން: އިޒްރޭލް އީރާން ހަނގުރާމަ ތެރެއަށް އެމެރިކާ ވަދެފާނެ ކަމުގެ އަޑުތަކެއް
އޭބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޓީމުން ވަނީ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ގިނަ ގޮތްތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އަސްކަރީ އެސެޓްތައް ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދިނުން ހިމެނެ އެވެ.
އޭބީސީ ނޫހުން ވާހަކަ ދެއްކި ޖާސޫސީ މަސްދަރަކުން ބުނި ގޮތުގައި ޓްރަމްޕް ބޭނުންފުޅު ވަނީ އީރާނުގެ ބިމުގެ އަޑީގައި ހުރި ފޯޑޯ ނިއުކްލިޔާ ޕްލާންޓް ހަލާކުކޮށްލުމަށެވެ. އެއީ ބޯ ކޮންކްރީޓުން ހިޔާކޮށްފައިވާ, އަދި ފަރުބަދައެއްގެ ތެރޭގައި ހުންނަ ތަނެކެވެ.
އެކަމަށް މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށާއި، ދޭން ރާވަފައި ވަނީ ހަމައެކަނި އެންމެ ހަމަލާއެއް ނޫން ކަމަށް އޭބީސީން ނޫހުން ބުނެފައިވެ އެވެ. ހަމަލާ ދޭނަމަ, ހަމަލާދޭނީ އެމެރިކާގެ ބީ2 ސެޓްލް ބޮން ގޮއްވާ ބޯޓުތަކަކުންނެވެ. އެ ބޯޓުތަކަކީ އެއްފަހަރާ 30،000 ޕައުންޑު ބޮން އެޅޭ ޒާތުގެ ބޯޓުތަކެކެވެ.
އީރާނަށް ހަމަލާ ދިނުމުގައި އަދި ގޮތެއް ނުނިންމަވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެމެރިކާއިން އީރާނަށް ނިއުކްލިޔާ ހަމަލާއެއް ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި، އެ ފަދަ އަމަލެއް އެމެރިކާއިން ކޮށްފި ނަމަ މަސްރަހު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމުގައި ރަޝިޔާއިން ވަނީ ބުނެފަ އެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕިސްކޯފް ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ނިއުކްލިޔާ ބޮމެއް ބޭނުން ކުރުމާ ގުޅޭ ގޮތުން އެމެރިކާއިން ވިސްނަމުންދާ ކަމުގެ އަޑުތަކެއް ރަޝިއާގެ ކަންފަތުގައި ޖެހިފަ ވާކަމަށެވެ.
އީރާންގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ދިނުމަށް އެމެރިކާއިން ނިއުކްލިޔާ ހަތިޔާރެއް ބޭނުން ކުރުމާ ގުޅޭ ގޮތުން ވިސްނަމުންދާ ކަމުގެ މައުލޫމާތު ފުރަތަމަ ހާމަކޮށްފައިވާ އެއް ނޫހަކީ އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ދި ގާޑިޔަނެވެ.
އެ ނޫހުން ބުނީ، އީރާންގެ ފޫރްދޫ ނިއުކްލިޔާ މަރުކަޒަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާއީ ދާއިރާގެ އޮފިޝަލުންނަށް މައުލޫމާތު އަރުވާފައިވާ ކަމުގަ އެވެ. އަދި، އާންމުކޮށް ބޭނުން ކުރާ ހަތިޔާރު ބޭނުންކޮށްގެން އީރާންގެ ނިއުކްލިޔާ މަރުކަޒުތައް ނައްތައިނުލެވޭނެ ކަމަށާއި، އެ ކަން ކުރުމަށް ޓެކްޓިކަލް ނިއުކްލިޔާ ހަތިޔާރެއް ނުވަތަ ކުޑަ ނިއުކްލިޔާ ބޮމެއް ބޭނުން ކުރަން ޖެހޭނެ ކަމުގައި މައުލޫމާތު ދީފައިވާ ކަމުގަ އެވެ.
އީރާނަށް ހަމަލާ ދިނުމާއި އަދި އިޒްރޭލަށް ހަނގުރާމައިގައި އެމެރިކާ އިތުރަށް އެހީ ވުމާއި ގުޅިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ވިދާޅުވީ، ގަދަބަދަވިކަން ދައްކައިގެން އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށާއި އެ ގައުމުން އަމާން ވެސް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއިން އިރާނަށް ހަމަލާ ދީފި ނަމަ އޭގެ ބަދަލު އެމެރިކާ އަށް ވެސް އިރާނުން ދޭނެ ކަމަށެވެ.