
އޯލެވެލް ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވާ ފިރިހެން ކުދިންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އޭ ލެވެލް އަށް ކިޔަވަމުން އަންނަ ދަރިވަރުން، އޯ ލެވެލް ހެދިއިރު، ޖުމްލަ 7،772 ދަރިވަރުން ބައިވެރިވި ކަމަށާއި އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވީ އެންމެ 46 ޕަސެންޓް އް ދަރިވަރުން ކަމަށެވެ. އަދި ފާސްވި ދަރިވަރުންގެ ފިރިހެން ކުދިންގެ ނިސްބަތަކީ 44 ޕަސެންޓް ކަމަށާއި އަންހެން ކުދިންގެ ނިސްބަތަކީ 56 ޕަސަންޓް ކަމަށް ވިދާޅިވި އެވެ.
އެ އެސެސްމެންޓަށް ފަހު އެކަށީގެނވާ ފިޔަވަޅުތަައް އަޅައި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، 1980 ވަނަ އަހަރު އަސާސީ ތައުލީމުގެ މަޝްރޫއު ފެށިއިރު ފެންނަން ހުރި ރިޕޯޓްތަކަށް ބަލާއިރު 60 ޕަސެންޓް އަންހެނުންނަށް ލިޔަންކިޔަން ވެސް ނޭނގޭ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އޯލެވެލްގެ ނަތީޖާ ދަށްވާ މައިގަނޑު ސަބަބަކީ ޕްރައިމަރީގެ ނަތީޖާ ވެސް ދަށްވުން ކަމަށެވެ. އެގޮތުން ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާތަކަށް ބަލާއިރު، ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ނަތީޖާ ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާއަކީ މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ.