
ފިނޭންސް މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ސްޑީއެފްއަށް 907.6 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
މީ މދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިިރު 42.8 އިންސައްތަ އިތުރުވުމެއްކަމަށް ފިނޭންސް މިނިސްްޓްރީން ބުނެއެވެ. މިދިޔަ އަޖަރުގެ މި މައްދަތުގައި އެ ފަންޑުގައި ހުރީ 635.2 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ބުނަމުން އަންނަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މީގެކުރިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހުރި ސޮވްރިން ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރުކަމަށެވެ. އެހެންނަމަވެސް ކުރިން ވެރިކަން ކުރި އެމްޑީޕީން ވަނީ އެކަން ދޮގުކޮށްފައެވެ.
ކުރީގެ ރައީސް ސާލިހް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަން ނިމުނިއިރު އެސްޑީއެފް ފަންޑުގައި 32 މިލިއަން ޑޮލަރު ހުންނާނެކަމަށެވެ. އަދި އެ ފައިސާ ހުންނާނީ ބޭނުން ކޮންމެ އިރަކު ނެގޭގޮތަށް ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
އެސްޑީއެފް ފަންޑު އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. މި ފަންޑުގެ މަގުސަދަކީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނަގާތީ ރާއްޖޭގެ އިގްތިސާދާމެދު ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ވަރުގަދަ ކޮށް ބޮޑެތި ލޯނުތައް ދައްކަންވާއިރަށް ލޯނު ދެއްކުމުގެ ގާބިލްކަން އުފެއްދުމެވެ. ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވީއައިއޭއިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
ދަރަނި އަދާކުރަން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ސޮވްރިން ފަންޑުން ރުފިޔާ ބޭނުންކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.