
އެމެރިކާގެ ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއަ ސައިޓްތަކަށް "ވަރަށް ކާމިޔާބު" ހަމަލާތަކެއް ދީފައިވާ ކަމަށާއި، މިހާރު ހުރިހާ މަތިންދާބޯޓެއް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައިވާ ކަމަށެވެ.
އެމެރިކާގެ މި ހަމަލާތަކުގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
އެމެރިކާގެ މި ހަމަލާތަކުގައި ނިއުކްލިޔާ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އިޒްރޭލާ ބައިއަތު ހިފައި، އެމެރިކާ އިން ވެސް ހަމަލާދޭން ފަށައިފި ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ މީގެކުރިން ދީފަ އެވެ.
އެމެރިކާގެ އެ ހަމަލާއާ ގުޅިގެން އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޓެލެގްރާމް އެކައުންޓުން ވަނީ މިދިޔަ ބުދަ ދުވަހު ހާމަނާއީ ޓީވީން ދެއްކެވި ވާހަކަތައް އަލުން ހިއްސާކޮށްފަ އެވެ.
އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ ހަނގުރާމައިގެ "ފެށުން" ކަމަށް ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތް، ހޫތީންވެސް ވަނީ ބުނެފަ އެވެ.
އެމެރިކާއިން އެހެން ގައުމާއެކު ހަނގުރާމަ ކުރާނަމަ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން ގާނޫނުއަސާސީގައި ލާޒިމުކޮށްފައި އޮތަސް، އިރާނަށް ހަމަލާ ދިނުމުގެ ކުރިން ޓްރަމްޕު އެފަދަ ހުއްދައެއް ނުހޯދަ އެވެ. އެކަން އެމެރިކާގެ ސިޔާސީން އަންނަނީ ކުށްވެރިކުރަމުން ނެވެ.
އެގޮތުން ކޮންގްރެސްގެ ހުއްދަނެތި އީރާނަށް ހަމަލާދިނުމުގެ ޓްރަމްޕްގެ ބާރު މަދުކުރުމަށް ގާނޫނީ މަސައްކަތެއް ކުރަމުންދާ އެމެރިކާގެ ރިޕަބްލިކަން މެމްބަރު ތޯމަސް މެސީ، ވިދާޅުވެފައިވަނީ އެމެރިކާއިން އިން އީރާނަށް ދިން މި ހަމަލާތަކަކީ އެމެރިކާގެ ގާނޫނު އަސާސީއާ ހިލާފު ކަމެއްކަމަށެވެ. ގާނޫނު އަސާސީން ހަނގުރާމައާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ދީފައިވަނީ ކޮންގްރެސްއަށެވެ.