
މިފެނުގައި ފެރޫލިކް އެސިޑް އާއި ފައިޓިކް އެސިޑް ފަދަ އެންޓި އޮކްސިޑެންޓްސް އާއި، ވިޓަމިންތަކާއި، މިނެރަލްތަކާއި، އެމިނޯ އެސިޑްސް އަދި ސްޓާޗް ގިނަ އަދަދަކަށް އެކުލެވެ އެވެ. މިމާއްދާތައް އެކުވެގެން، ހަންގަނޑު ދޮންކުރުމަށާއި، ހަމުގެ ކުލަ އެއްގޮތްކުރުމަށާއި، ހަންގަނޑުގައި އުފެދޭ ދުޅަތައް މަޑުކޮށްލުމަށް އެހީވެދެ އެވެ. އަދި، ރީތި "ގްލާސް ސްކިން" އުފައްދައިދޭ ކަމަށް، ޒަމާނުއްސުރެ ވާރުތަވަމުން އަންނަ މައުލޫމާތާއި، މިޒަމާނުގެ ހޯދުން ތަކުގައި ބުނެ އެވެ.
ހަނޑޫފެން ޓޯނަރެއްގެ ގޮތުގައި ނުވަތަ މާސްކުތަކުގައި ބޭނުންކުރުމުން، މެލެނިން އުފެއްދުން މަދުކޮށް، ހަންގަނޑުގައި ހުންނަ ކަޅުލައްތައް (ހައިޕާޕިގްމެންޓޭޝަން) ކުޑަކުރުމަށް އެހީވެދެ އެވެ. އަދި، އޭގައި އެކުލެވޭ ދުޅަ މަޑުކޮށްދޭ މާއްދާތަކުގެ ސަބަބުން، ހަމުގެ ރަތްކަމާއި، ބިހިތަކާއި، އަވީގައި ފިހުން ފަދަ ކަންތައްތައް މަދުކޮށް ދެއެވެ. މީގެ އިތުރުން، ހަނޑޫފެނުން އިލާސްޓޭސް ނަމަކަށް ކިޔާ އެންޒައިމެއްގެ މަސައްކަތް ހުއްޓުވުމަށް އެހީވެދެ އެވެ. މި އެންޒައިމަކީ، ކޮލެޖަން ބައިބައިކޮށްލުމާއި، ހަންގަނޑު މުސްކުޅިވުމުގައި މުހިންމު ދައުރެއް އަދާކުރާ އެންޒައިމެކެވެ. މިކަމުގެ ސަބަބުން، ހަންގަނޑު ހަރުކޮށްލައި، އިލާސްޓިކްކޮށް، ހަމުގެ ފިނދާލެއް ކުޑަކޮށްލުމަށް އެހީވެދެ އެވެ.
ހަނޑޫފެން ގެއިން ފަސޭހައިން ތައްޔާރުކުރެވިދާނެ އެވެ. އެގޮތުން، ބައިތަށި ހަނޑޫ، ދެތަށިން ތިންތައްޓަށް ފެން އަޅައިގެން 30-60 މިނެޓު ވަންދެން ފޯކޮށްގެން ނުވަތަ ގިނަ ފެނުގައި ހަނޑޫ ކައްކައިގެން، ބާކީވާ ފެން ރައްކާކޮށްގެންނެވެ. ފެނުވިފައިވާ ހަނޑޫފެން ބޭނުންކުރަން ބޭނުންނަމަ، ކޮޓަރީގެ ފިނިހޫނުމިނުގައި 48 ގަޑިއިރު ވަންދެން ހަނޑޫފެން ފޯކުރެވިދާނެ އެވެ. ނަމަވެސް މިކަމުގައި އިތުރު ނުރައްކާތަކެއްވެ އެވެ. އެއީ ކޮޖީ މޯލްޑް ފަދަ ސްޓާޓާ ކަލްޗަރެއް ނެތި އަމިއްލައަށް ފޯވުމުން، ގިނަ ފަހަރަށް ހަނޑޯ ފޯވުމަށް ބޭނުންވާ ބެކްޓީރިއާ އުފެއްދުމުގެ ބަދަލުގައި، އެހެނިހެން ބެކްޓީރިއާތައް އުފެދި، ފެން ހަލާކުވެ، ހަމަށް ގެއްލުންވުމުގެ ފުރުސަތު ބޮޑެވެ.
ހަނޑޫފެން ރަނގަޅަށް ބޭނުންކުރުމުން ހަންގަނޑު ދޮންކޮށްލައި، ހަމުގެ ބެލެންސް ހިފެހެއްޓުމަށް އެހީވެދެ އެވެ. ހަނޑޫފެން ތައްޔާރުކުރުމަށްފަހު އަބަދުވެސް ތާޒާކޮށް ބަހައްޓައި، ހަމައެކަނި ބޭނުންވާ މިންވަރަށް ބޭނުންކޮށް، ފުރަތަމަ ޕެޗް ޓެސްޓެއް ކޮށް، ރަނގަޅަށް ރޫޓީނުގެ ތެރެއަށް ހިމަނާށެވެ. އަބަދުވެސް މޮއިސްޗަރައިޒަރާއި ސަންސްކްރީންއާ އެއްކޮށް ބޭނުންކުރުން މުހިންމެވެ.
ހަނޑޫފެނުން ގިނަ ފައިދާތަކެއް ލިބުނު ކަމުގައި ވިޔަސް، ހުރިހާ އެންމެންނަށް ވެސް އެކަށީގެން ނުވެދާނެ އެވެ. ގިނައިން ބޭނުންކުރުމުން ހަމުގައި ހުންނަ ތެޔޮކަން ހިމާޔަތްކޮށްދޭ ފަށަލަ ނެތިކޮށްލައި، ހަންގަނޑު ހިކިވެ، ތޮޅިލައި، ނުވަތަ ހަމަށް ދުޅަވުމުގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ހިކި ނުވަތަ ނާޒުކު ހަންގަނޑު ހުންނަ މީހުންނަށެވެ. ބައެއް މީހުންނަށް ހަނޑޫފެނުގެ ސަބަބުން އެލާޖިކް ރިއެކްޝަންތަކާއި، އަދި ހަނޑުލުގައި ހުންނަ އެސިޑިކް މާއްދާތަކުގެ ސަބަބުން އަވީގެ އަސަރުން ހަމަށް ލިބޭ ގެއްލުން އިތުރުވާކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މިހެންކަމުން، ހަނޑޫފެން މަދުމަދުން (ހަފްތާއަކު ދެފަހަރު ނުވަތަ ތިންފަހަރު) ބޭނުންކުރުމަށާއި، އޭގެ ފަހުން މޮއިސްޗަރައިޒަރާއި ސަންސްކްރީން ބޭނުންކުރުމަށް މާހިރުން އިރުޝާދު ދެ އެވެ. އަދި ސިއްހީ އެހީތެރިންގެ ނުވަތަ ބިއުޓީޝަނެއްގެ އިރުޝާދު ހޯދާށެވެ.
ހަނޑޫފެނުގެ ފައިދާގެ ސައިންސުގެ ހެކިތައް މަދު ނަމަވެސް، ހަނޑޫފެނުގެ އެންޓި-އޮކްސިޑެންޓް، ދުޅަ މަޑުކޮށްދޭ އަދި މޮއިސްޗަރައިޒްކޮށްދޭ ސިފަތަކަށް ބައެއް ދިރާސާތަކުން ބުނެދެ އެވެ. އަދި ބައެއް ދިރާސާތަކުން ވަނީ އެގްޒީމާ ފަދަ ހަމުގެ ބަލިތަކުގައި ހަމުގެ ހިމާޔަތީ ފަށަލަ ރަނގަޅުކޮށްދީ، ހަންގަނޑު ރަނގަޅުވުމަށް އެހީތެރިވާކަން ދައްކާފަ އެވެ. ނަމަވެސް، ހަމުގެ ތަފާތު މައްސަލަތަކަށް ހަނޑޫފެނަކީ ފަރުވާއެއް ކަމަށް ނުބަލައި، ހަމުގެ ރައްކާތެރިކަމަށް އެހީތެރިވާ އެއްޗެއްގެ ގޮތުގައި ބެލުމަށާއި، ދިގުދެމިގެންދާ ހަމުގެ މައްސަލަތަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް މާހިރުން އިރުޝާދު ދެއެވެ.
މައުލޫމާތު: ހެލްތްޝޮޓް.އެމްވީ