
މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެ ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ފެށުމަށް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އެއަރޕޯޓުގެ މަސައްކަތާ ގުޅުންހުރި އިންޓަރނަލް ޕްރޮސެސްތައް މިހާރު ނިމިފައިވާ ކަމަށެވެ. މަސައްކަތް ލަސްވުމުގެ ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތާއި، ގެންނަންޖެހޭ ބައެއް ބަދަލުތަކާއި، އަދި އެއަރޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްސްއަށް އޯޑާ ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ މި އެއަރޕޯޓަކީ އުތުރުގެ ރަށްރަށުގެ ދަތުރުފަތުރުގެ މައި ދޮރާށިކަމަށް ސަރުކާރުން ބުނެއެވެ. މި އެއަރޕޯޓުގެ މަސައްކަތް ފުރިހަމަވެ، ހިދުމަތްތައް އިތުރަށް ފުޅާވުމުން، ހދ. އަތޮޅަށާއި އުތުރުގެ އެހެނިހެން އަތޮޅުތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.