
ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ބަޖެޓުން އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ދައުލަތުން ތަންފީޒުކުރަމުންދާ ހަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކުގެ ސަބަބުން 12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 ޕަސަންޓު ދަށް އަދަދެކެވެ. އެއާއެކު، ދައުލަތަށް އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 17.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 ޕަސަންޓު އިތުރު އަދަދެކެވެ.
ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދެއްކުމަށް 5.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާއިން އިތުރު އަދަދެކެވެ. ނަމަވެސް، އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު 71.5 ޕަސަންޓުން ދަށްވެފައިވާއިރު، ދަތުރުފަތުރަށް ކުރާ ހަރަދުވެސް 17.2 ޕަސަންޓުން ދަށްވެފައިވެއެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އައި އެދެވޭ ނަތީޖާގެ ސަބަބުން، ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދު ބޮޑުވިކަމުގައިވީނަމަވެސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް މިވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައެވެ.