ads
އީރާންގެ ސިފައިން ލަޝްކަރު - ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ހައްގު ލިބިއްޖެ: އީރާން
އީރާނަށް އެމެރިކާއިން ބޮން އަޅާ އެ ގައުމުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމަށް ހަމަލަ ދިނުމުން އެކަމުގެ ބަދަލު ހިފުމުގެ ހައްގު އީރާނަށް ލިބިއްޖެ ކަމަށް އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖިސީ)ން ބުނެފި އެވެ.
Advertisement

އިރާނުގެ ނިއުކްލިއާ އުފައްދާ ތިން ތަނަކަށް މިއަދު ހެނދުނު އެމެރިކާ އިން ފުރަތަމަ ފަހަރަށް ހަމަލާ ދިނެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔާ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން މަރުކަޒަށް އެމެރިކާ އިން ހަމަލާދީފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރި ކުރައްވައި، އިއުލާނު ކުރައްވައިފަ އެވެ.

އިރާނަށް ދިން ހަމަލާތަކަށް ފަހު އެމެރިކާގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ހަމަލާތަކުގައި އީރާންގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީފައިވާނެ ކަމަށެވެ. ހަމަލާދިނީ ފޯޑޯ، ނަތަންޒް، އެސްފަހަންގައި ހުރި ނިއުކްލިއާ ސައިޓުތަކަށް ކަމަށާއި އެ ހަމަލާތައް ކާމިޔާބު ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

"މިއީ އެހެން އަސްކަރީ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން. އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ހަލާކުކޮށްލައިފިން. މިއީ އީރާން ސުލްހަވާންވީ ވަގުތު،" އެމެރިކާގެ އަސްކަރިއްޔާއަށް ތައުރީފްކޮށް ޓްރަމްޕް ވިދާޅުވި އެވެ.

ރައްދުގައި އައިއާރުޖީސީއިން ވަނީ ހަމަލާތަކަށް ހިތާމަވެރި ރައްދުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރުމަށް ގޮވައިލައިފަ އެވެ. އަދި ބަދަލު ހިފުމަކީ އެމީހުންގެ ހައްގެއް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. އަދި އިޒްރޭލަށް ރައްދު ދިނުމަށް ފަށާފައިވާ އަސްކަރީ ހަރަކާތް، "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3"، އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ 

"ރިވޮލިއުޝަނަރީ ގާޑް ކޯޕަށް ހަނގުރާމައިގެ ބިންގަނޑު ރަނގަޅަށް އެނގޭ. އަދި ޓްރަމްޕާއި ވައިޓް ހައުސް އާއި ތެލް އަވީވްގައި ވެރިކަންކުރާ ޖިނާއީ ގޭންގުގެ ހަޅޭކުގެ އަޑުން ދުވަހަކު ވެސް ބިރެއް ނުގަންނާނެ." އައިއާރްޖީސީންގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމަކުން އެމެރިކާއިން ހިންގި މި އަމަލާ މެދު ސަމާލުވެ ތިބުމަށް އީރާނުގެ ފޮރިން މިނިސްޓަރު, އަރަގްޝީ ވެސް ވަނީ އިލްތިމާސް ކުރައްވާފައި އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ހަމަލާގެ ސަބަބުން ދިގުދެމިގެންދާ ގެއްލުމަކާ އެމެރިކާ އިން ކުރިމަޔިލާން ޖެހޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

"އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް އެމެރިކާ އިން ވަނީ އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ސީރިއަސްކޮށް ހިލާފުވެފައި. އީރާނުގެ ސުލްހަވެރި ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައި،" އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން އެ ހަމަލާ ދީފައި ވަނީ މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާ ގުޅިގެން ރައްދުގައި އީރާނުން ވެސް ހަމަލާދީ، ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. 

އެމެރިކާއިން އީރާނަށް ހަމަލާދިންއިރު، އެމެރިކާއިން ވަނީ އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ފަށާފަ އެވެ. ނަމަވެސް، އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުން އީރާނުން ވަނީ މަޝްވަރާތައް ހުއްޓާލާފަ އެވެ. އަދި، މަޝްވަރާތައް އަލުން ފަށާނީ އިސްރާއީލުން ދިން ހަމަލާތަކަށް ރައްދި ދިނުމަށް ފަހު ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

އިޒުރޭލުން ތުމަތުކުރާ ގޮތުގައި އީރާންގައި އެތައް ސަތޭކަ ފޫޓު އަޑީގައި ނިއުކުލިއާ ބޮން ދަނީ އުފައްދަމުންނެވެ. އީރާނުން ނިއުކުލިޔާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ހުޅަނގާއި އިޒުރޭލުން ބުނާބުނުން އިރާނުން ދޮގުކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް