
މިއީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާން ސާބިތު ދަރަންޏެއް ނުދައްކާކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ގާލިބު ސަލީމް ކިޔާ މީހެކެވެ.
ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ. ލޯނު ދެއްކުމަށް ވި އެއްބަސްވުމާ ހިލާގުވެގެން ބޭންކުން ހިތަދޫ ކޯޓަށް މިދިޔަ އަހަރުގެ ޖުލައި 21ގައި ކަމަށް މި މައްސަލަ ހުށައެޅި ފަރާތުން ބުނެއެވެ.
އެކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު 14ގައި ކުރި ހުކުމްގައި ބުނެފައިވަނީ އެ ތާރީހާ ހަމައަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ދެއްކުމަށެވެ. އަދި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯނިއާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށްވެސް ހިތަދޫ ކޯޓުގެ ހުކުމުގައިވެއެވެ. އެހެންނަމަވެސް އެ ހުކުމާއި އެއްގޮތަށް ދަރަނި ދައްކަމުން ނުދާކަމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައިވެެއެވެ.
ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.