
އިރާން ދައުލަތުގެ މީޑިއާއިން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ މަރުކަޒަށް އަމާޒުކޮށް ހަމަލާ ދެމުންދާކަން ކަށަވަރުކޮށްދީފަ އެވެ.
އިރާންގެ ރޮކެޓްތައް ޖައްވު ތެރޭ ގޮއްވާލުމަށްޓަކައި އެމެރިކާގެ އެއާ ޑިފެންސް ސިސްޓަމުން ދޫކުރާ ރޮކެޓްތައްވެސް ޖައްވު ތެރޭ ހަރަކާތްތެރިވާ މަންޒަރު ބައެއް ޓީވީތަކުން ދައްކަމުން އެބަދެ އެވެ.
އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާއަށް ބޯނުލަނބައި އޮތް އިރާނުގެ ބާރު ކަނޑުވާލަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިޒްރޭލުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ.
މި ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެ އެމެރިކާ އިން ހަމަލާ ދިނީ އިރާނުގެ ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށެވެ. އެ ތަންތަނުގައި ހުރި ނިއުކުލިއާ ފެސިލިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ދެވުނު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިރާނުން ވަނީ އެ ތަންތަނުގައި ހުރި ނިއުކުލިއާ ޕްރޮގްރާމުގައި ހިމެނޭ އާލާތްތައް ރައްކާތެރި ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.
އީރާނުން އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދޭން މި ފެށީ އީރާނަށް އެމެރިކާއިން ބޮން އަޅާ އެ ގައުމުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމަށް ހަމަލަ ދިނުމުން އެކަމުގެ ބަދަލު ހިފުމުގެ ހައްގު އީރާނަށް ލިބިއްޖެ ކަމަށް އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖިސީ)ން ބުނެފައި ވަނިކޮށެވެ.
މިރޭގެ ކުއްލި ހަމަލާއަށް ފަހު ނެރުނު ބަޔާނެއްގައި އީރާނުގެ އިންގިލާބީ އަސްކަރީ ފައުޖުން ބުނީ އެ ގައުމުގެ ސަރަޙައްދާއި އިސްތިގުލާލާއި ގައުމީ ސަލާމަތާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއަކަށް އެއްވެސް ހާލެއްގައި ރައްދު ނުދީ ނުތިބޭނެ ކަމަށެވެ.
އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އޭގެ ބަދަލުގައި އެ ގައުމުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އަބަދުވެސް ދެއެވެ. ފަހުގެ ތާރީހެއްގައި މިރޭ މި ފެނުނީ އެ ބަހުގެ ތެދުކަމެވެ.